އަކްޝޭ ކުމާރާއި ޕްރަބޫދޭވާގެ ހިޓް ފިލްމް "ރައުޑީ ރާތޯރް" އަށް ފަހު، އެކުގައި އާ ފިލްމެއްގައި މަސައްކަތް ފަށަން ދެ މީހުން ތައްޔާރުވެއްޖެ އެވެ.
މިއީ ސައުތު ފިލްމެއްގެ ރިމެކިންއެއް ނޫނެވެ. މި ފަހަރުގެ ފިލްމަކީ އޮރިޖިނަލް ސްކްރީންޕްލޭއެއްގެ މައްޗަށް ބިނާކޮށް ހަދާ "ސިންގް އިޒް" ބްލިންގް" އެެވެ.
އަދި މިއީ އެއްގޮތަކަށް ވެސް އަކްޝޭގެ ކުރީގެ ވަރަށް ކާމިޔާބް ފިލްމެއް ކަމަށްވާ "ސިންގް އިޒް ކިންގް" ގެ ސީކްއެލްއެއް ނޫނެވެ. އެ ފިލްމާ "ސިންގް އިޒް ބްލިންގް" އާ އެއްވެސް ގުޅުމެއް ނެތެވެ.
މި ފިލްމަކީ އަކްޝޭ އާއި އޭނާގެ ބިޒްނަސް ޕާޓްނަރު އަޝްވިނީ ޔަރްދީގެ ޕްރޮޑަކްޝަން ހައުސް ގްރޭޒިން ގޯޓް ޕިކްޗާސް އިން އުފައްދާ ފިލްމެކެވެ. "ސިންގް އިޒް ބްލިންގް" އަކީ ރޮމާންޓިކް އެކްޝަން ކޮމެޑީއެކެވެ.
މި ފިލްމުގެ ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައިވާ އިރު، ފިލްމުގައި އަކްޝޭ އާ އެކު ލީޑް ރޯލް ކުޅޭނެ ބަތަލާ އާ އެކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
"ސިންގް އިޒް ބްލިންގް" ސިނަމާތަކަށް އަންނާނީ ޖުލައި 31، 2015 ގަ އެވެ.
އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ ސޮނާކްޝީ ސިންހާ އާ އެކު ލީޑް ރޯލް ކުޅެފައިވާ އަދި އަންނަ ޖޫން 6 ގައި ރިލީޒްވާ "ހޮލިޑޭ" އެވެ.
"ސިންގް އިޒް ބްލިންގް" ގެ މަސައްކަތް ފަށަން ޕްރަބޫދޭވާ ތައްޔާރުވަމުން އަންނަ އިރު، މިހާރު އޭނ ބިޒީކޮށް އުޅެނީ އަޖޭ ދޭވްގަން އާއި ސޮނާކްޝީ އަދި ޔަމީ ގޯތަމީ ލީޑް ރޯލް ކުޅޭ "އެކްޝަން ޖެކްޝަން" ގެ މަސައްކަތުގަ އެވެ.
ޕްރަބޫދޭވާ އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ ޝާހިދު ކަޕޫރާއި ސޮނާކްޝީ ލީޑް ރޯލް ކުޅުނު "އާރް…ރާޖްކުމާރް" އެވެ. އެއީ ބޮޑު ހިޓެކެވެ.
އިންޑިއާގެ މައިކަލް ޖެކްސަންގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރިގަދަ ނެށުންތެރިޔާ ޕްރަބޫދޭވާ ފިލްމް ޑައިރެެކްޝަނަށް ނިކުމެ ކާމިޔާބު ފިލްމްތަކެއް ވަނީ ގެނެސް ދީފަ އެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ސަލްމާން ހާން ލީޑް ރޯލް ކުޅުނު "ވޯންޓެޑް" އެވެ. ހިންދީ ފިލްމުގެ އިތުރަށް ޕްރަބޫ ތަަމަޅަ ފިލްމްތައް ވެސް ޑައިރެކްޓް ކުރެ އެވެ.