ހއ. މަކުނުދު އަށް ނިސްބަތްވާ އަހުމަދު ޝަވަން މުހައްމަދު މި ވަގުތީ ހުރީ އައްޑުގަ އެވެ. އޭނަ އްތަ ދުވަހުގެ ރޭ އައްޑު އަށް އައީ ހިތަދޫގެ ކުލަބައެއް ކަމަށްވާ މައިލޯ އެފްސީގެ ދައުވަތަކަށެވެ.
ކަނާތު ފައިގެ ކަކުލުން ތިރި ނެތް، 7 އަހަރުގެ މި ކުއްޖާގެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ އެއް ފައި ނެތަސް ފުޓްބޯޅަ ކުޅެގެންނާއި އާންމު އެހެން ކުދިންނެކޭ އެއްގޮތަށް ދައްކާ ހިތްވަރުންނެވެ. އައްޑު އަށް ކުރި ދަތުރާ އެކު ޝަވަން އަށް މަރުހަބާކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
އޭނަ މި ވަގުތު އައްޑޫގައި ހުރީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ކުޅުމަށެވެ. ދަގަނޑޭ ކުޅުނީ ޝަވަން އައްޑު އަށް ގެނައި މައިލޯ ޓީމް (މެދުވަލު) އަށެވެ. އެ ޓީމު ފައިނަލަށް ނުގޮސް މުބާރާތުން ކަޓާފައިވާ އިރު، މާދަމާ ކުޅޭ ފައިނަލް މެޗްގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ޝަވަން ދަގަނޑޭމެންނާ އެކީ މެޗް ބަލަން އައްޑޫ ސްޓޭޑިއަމަށް ދާނެ އެވެ.
ޝަވަން މިއަދު ވަނީ އައްޑޫގެ ބައެއް ސްކޫލްތަކަށް ވެސް މައިލޯ ޓީމާ އެކު ޒިޔާރަތްކޮށްފަ އެވެ. އެގޮތުން ސްކޫލްތަކުގެ މެނޭޖްމަންޓްތަކުންނާއި ދަރިވަރުން ޝަވަން އަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ. އަދި އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ކާޑުތައް ވެސް ހަދިޔާކުރި އެވެ. ޝަވަންވެފައި ވަނީ މިހާރު ގިނަ ކުދިންގެ އިންސްޕިރޭޝަނަކަށެވެ.
ޝަވަންއާ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ވެސް ބައްދަލުކޮށް، ހަދިޔާ ދީފައިވެ އެވެ.
ޝަވަން އަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން މީޑިއާތަކުން ލިބުނު ސަމާލުކަމާ އެކު، ދިރިއުޅުން މިއޮތީ ބަދަލުވެފަ އެވެ. އެ ކުއްޖާ އަށް ވަނީ ބޮޑު އުފާވެރި ކަމެއް ލިބިފަ އެވެ. އެންމެ އުފާވެރި ކަމަކީ އަދި ޝަވަންގެ އާއިލާ އަށް ވެސް ލިބުނު އެންމެ ބޮޑު އުފަލަކީ އޭނަ އަށް ފައެއް ޖަހަން ފުރުސަތު ފަހިވުމެވެ. އެންސްޕާ އިން އޮތީ އެކަން ކޮށްދޭން ނިންމައިފަ އެވެ.
އެއް ފައި ނެތަސް ފުޓްބޯޅައިގައި ޝަވަން ދައްކަމުން ހުނަރު، ޔަގީނުން ވެސް ބަދަލުކޮށްލާނީ އޭނަ އަށް ލިބޭ އާ ފަޔާ އެކީގަ އެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު މިހާރު އޮތީ ތިބީގެ ދުވެލި ބާރުކޮށްދޭނެ ފައިގެ އޮޕަރޭޝަން ކުރާނެ އިންތިޒާރުގަ އެވެ.
އައްޑު އަށް އެ ކުއްޖާ ކުރާ ދަތުރުގެ ތެރެއިން ދަގަނޑޭމެން އިސްކޮށްގެން ތިބެން ފަންޑްރައިޒިން ހަރަކާތެއް ވެސް ބާއްވަން ނިންމާފައިވެ އެވެ.