މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ޙިއްޞާ އަކީ، ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި ތިމާވެށްޓާއި ރައްޓެހި ގޮތްތައް ހޯދުމާއި ބޭނުންކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަސް އެސޯސިއޭޝަން (އިފޮޕްކާ) ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޕެރެޑައިސް އައިލޭންޑް ރިސޯޓްގައި ފައިސަލް ވިދާޅުވީ ރާއްޖޭގައި ޢިމާރާތްކުރުމުގެ ޞިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.
އެހެންވެ ކޮންފަރެސްންސްގެ ޝިއާރު ކަމަށްވާ "ކޮންސްޓްރަކްޝަން ވިތު ކޮންޒަވޭޝަން: ބިލްޑިން އަ ބެޓަ ވޯލްޑް" އާ އެއްގޮތަށް
ޢިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗިއްސަ ހެދުމާއި، ޓެކްނޮލޮޖީ އާއި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޢިމާރާތްކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ބޮޑު ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ދިވެހިންގެ މުއްސަނދި ސަގާފަތާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްވެސް އިސްކަންދޭން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައި،" ނައިބު ރައީސް ވިދާޅުވި އެވެ. "އެއާ އަކީ ރާއްޖޭގައި އިމާރާތްކުރުމުގެ ފެންވަރާއި ފަރުމާތަކަކީ އެފަދަ ދެވަނައެއް ނެތް ތަންތަން."
ފައިސަލް ވިދާޅުވީ ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަގުވާމީ ޕާޓްނަރުންނާ އެކީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ ރިސޯޓްތަކުން އެ މީހުންގެ އުފެއްދުންތެރި ހުނަރާއި ފަންނުވެރިކަމާއި އީޖާދީ ވިސްނުންތައް މިއަދު ފެންނަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ވެސް ދިވެހި ކުންފުނިތަކަށް ގޮވާލައްވައިފަ އެވެ.
އިފޮޕްކާ އަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް ގައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަގުސަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމާޢަތެކެވެ. މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ޖަމާޢަތުގައި ބައިވެރިވީ 2007 ގަ އެވެ.
މި މަހުގެ 19 އާ ހަމައަށް ގެންދާ ކޮންފަރެންސްގައި 400 މީހުން ބައިވެރިވެ އެވެ.