Last Updated: March 3, 23:25
Monday, March 3, 2025
ކުޅިވަރު

އާޖެންޓީނާ ބަލިނުވެ 36 މެޗު ހަމަކޮށްފި

އެކުވެރިކަމުގެ މެޗުގައި މިރޭ 0-5 އިން ޔޫއޭއީ ބަލިކޮށް އާޖެންޓީނާ އިން ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ފޯމު ދަމަހައްޓައިފި އެވެ.

މިއީ އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާ އިން ކުޅުނު ފަހު މެޗެވެ. މި މެޗާއެކު އާޖެންޓީނާ އިން މިހާރު ވަނީ ބަލިނުވެ ޖުމްލަ 36 މެޗު ފުރިހަމަކޮށްފަ އެވެ. ކޮޕާ އެމެރިކާގައި 2019 ގެ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި ފަހުން އާޖެންޓީނާ އެއް ވެސް މެޗަކުން މިހާތަނަށް ބައްޔެއް ނުވެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވަނީ 37 މެޗު ހަމަކުރި އިޓަލީ އެވެ.

ޔޫއޭއީގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އިން ވަނީ ހަތަރު ގޯލުގެ ލީޑެއް ނަގާފަ އެވެ. މި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އެންހެލް ޑިމަރިޔާގެ އިތުރުން ލިއޮނަލް މެސީ އެވެ. އާޖެންޓީނާގެ ފަސްވަނަ ގޯލް ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ޔޮކިން ކޮރީޔާ އެވެ.

ވޯލްޑް ކަޕާއި އާޖެންޓީނާ ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި އޮވެ ކަމަށްވާއިރު، 1986 ވަނަ އަހަރަށްފަހު އެ ޓީމަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ލައްވާލީ ގުރޫޕް ސީގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު އާޖެންޓީނާ ބައްދަލުކުރާނީ ސައުދީ އަރަބިއްޔާއާ އެވެ.