Last Updated: November 23, 20:35
Saturday, November 23, 2024
ޚަބަރު

ފުލުހުންނާއި ސިފައިން ހިތަދޫގެ ބައެއް ތަންތަން ފާސްކުރަނީ

ސަލާމަތީ ބާރުތަކލުން ހިތަދޫގެ ގެއެއް ބަލަނީ، ފޮޓޯ: ޖޭޒް

ސިފައިންނާއި ފުލުހުން ގުޅިގެން ހިތަދޫގެ ބައެއް ތަންތަނާއި ގެތައް ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

މަގު ބަންދުކޮށް ފުލުހުންނާއި ސިފައިން ފާސް ކުރަމުން އަންނަނީ ދާދި ފަހުން ހަރުކަށި ފިކުރާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި ބައެއް މީހުން ދިރިއުޅުނު ގެތަކާއި އެމީހުންނާއި ގުޅުންހުރި ތަން ތަނެވެ. މި ތަންތަން ފުލުހުން ފާސްކުރަނީ ކުއްތާ ވެސް ބޭނުންކޮށްގެންނެވެ.

އެގޮތުން ސަލާމަތީ ބާރުތަކުން އަންނަނީ ހިތަދޫ ބަނދަރުގައި އޮތް ކުޑަ ލޯންޗަކާއި ހިތަދޫ ހުކުރު މިސްކިތް ސަރަހައްދުގައި ހުރި ގެއެއްގައި ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ސަލާމަތީ ބާރުތަކުން ވަނީ ގިނަ ބަޔަކު މަރާލަން ހަމަލާދޭން ތައްޔާރުވަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރުމަށް ފަހު މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓެރަރިޒަމް އެންޑް ވަޔަލަންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ އެ ހަމަލާ ދޭން އުޅުނީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ އައިސް ޖަމާއަތަށް ތާޢީދު ކުރާ ބައެއް ކަމަށެވެ.

ފުލުހުން ބުނީ މިފަރާތްތަކުން ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން އައްޑޫން 10 މީހުން ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މާލެއިން ދެ މީހުން ހައްޔަރުކޮށް ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާ އިރު، ކ. ގުރައިދޫން ދެ މީހުން ހައްޔަރުކުރިކަމަށް އުސްވަތު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ގެތަކުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އުސްވަތު ވިދާޅުވި އެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ މީގެކުރިން ވެސް ޓެރަރިޒަމްގ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ވެސް އުސްވަތު ވިދާޅުވި އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ މަގުސަދަކީ ވެސް އާންމުންގެ ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކަލެއް ކުރިމަތި ކުރުވުމަށް ރާވަމުންދިޔަ ފަރާތްތަކުގެ ރޭވުން ނާކާމިޔާބުކޮށްލުން." އުސްވަތު ވިދާޅުވި އެވެ.

ނަމަވެސް މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ މި ހަމަލާ ދޭން އުޅުނު ތަނެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ވަނީ މިފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ ލަސްނުކޮށް އެކަން ހިއްސާކުރުމަށް އެދިފަ އެވެ.