ހިތަދޫގައި ހުންނަ އިކްއުޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުގައި އާދަޔާ ހިލާފަށް ފަނި ގިނަވެ އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގުލާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވީ އީސީސީ ސަރަހައްދުގައި އާދަޔާ ހިލާފަށް ފަނިތަކެއް ގިނަވެ އެކަމުގެ އުނދަގޫ ބައެއް ފަރާތްތަކަށް ކުރާތީ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ބެލުމަށް ކައުންސިލްގެ ފަރާތުން އެހިސާބުގެ ގެތަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
ޔަސްރިފް ވިދާޅުވީ ފަނި ތަކުގެ މައްސަލަ ހައްލުކުރުމަށް އެގްރިކަލްޗާރ މިނިސްޓްރީގެ ލަފާޔަކަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީން މިކަަމަށް ސަމާލު ކަން ނުދެއްވާ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އީސީސީ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ ފަނި ތައް ކޮންމެ ދުވަހަކުވެސް ހެނދުނު ގަޑީގައި ވަރަށް ގިނަވާ ކަމަށެވެ. އަދި މެންދުރުވާން ފެށުމުން ބައެއް ފަނިތައް މަރުވާ ކަމަށެވެ.
ޔަސްރިފް ވިދާޅުވީ ފަނިތައް ނައްތާލުމަށް ކައުންސިލަށް މާ ބޮޑު މަސައްކަތެއް ކުރެވެން ނެތްކަމަށެވެ. އަދި މިކަމަށް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
މި ފަނިތައް ފުރަތަމަ ފެންނަމުން ދިޔައީ ކޮންވެންޝަން ސެންޓަރުގެ ތެރެއިންނެވެ. އެތަނުގެ އެތެރެއާއި ބޭރުގައި ގިނަ އަދަދަކަށް މި ފަނި އަޅާފައިވެއެވެ. ނަމަވެސް މިހާރު ލިންކް ރޯޑާއި އީސީސީ ވަށައިގެންވާ މަގުތައް ވަނީ މި ފަނިތަކުން ފުރިފައެވެ.
ބައެއް އާއްމު ފަރާތްތަކުން ބުނީ މި ފަނިތައް މިހާ ގިނަވެގެން އުޅެނީ ވިއްސާރަ ވުމުގެ ސަބަބުން ކަމަށެވެ. އަދި މި ފަނި ގިނަ ވުމުގައި އެހެން ތިމާވެށީގެ މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ވިސްނަން ޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.