Last Updated: November 22, 23:40
Saturday, November 23, 2024
ރިޕޯޓް ރައީސް ސޯލިހު

ރިޕޯޓް: ހަމަހަމަކަމުގެ ނަމޫނާ 4 އަހަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މ. މަޑުއްވަރިން މަރުހަބާ ކިޔުން- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ހަތަރު ފުރިފައިވާއިރު, ރައްޔިތުންނަށް އިހުސާސް ކުރެވެމުންދަނީ ހިތްހަމަޖެހުމާއި އުންމީދުން ފުރިފައިވާ ކަމުގެ އުފާވެރި ހިތްހަމަޖެހުމެވެ. ކޮވިޑްގެ ދަތިހާލާއި އެހެންވެސް ދުނިޔޭގެ އިގްތިސާދަށް އަސަރު ކުރި އެތައް ކަމެއް މި ކުޑަ ދިވެހިރާއްޖެވެސް ތަހައްމަލު ކުރިއިރު, އެކަންކަމަށް ރައްޔިތުންގެ މި ސަރުކާރުން ކުރިމަތިލާފައިވަނީ ރައްޔިތުންނަށް އެކަންކަމުގައި ކުރާނެ އަސަރު ވީހާވެސް ކުޑަ ވާނޭ ގޮތެއްގައެވެ.

ރައީސް ސޯލިހްގެ މި ހަތަރު އަހަރަކީ ރައްޔިތުންނާއި ރާއްޖޭގެ ރަށްތަކަށް ލާބައާއި މަންފާ އެތައް ގޮތަކުން ލިބުނު ހަތަރު އަހަރެވެ. ތަރައްގީގެ މަޝްރޫއުތައް ރަށްތަކާއި ރައްޔިތުންނަށް އެކި ގޮތްގޮތުން ލިބެމުންދިޔައީ އެބައެއްގެ ސިޔާސީ ވިސްނުމަށް އަބާދީގެ ކުޑަބޮޑުމިނަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ހަމަހަމަކަމާއި އެކުއެވެ. އަސާސީ އެތައް މަޝްރޫއުތަކެއް ރަށްތަކުގައި ހިންގަމުން އަންނަނީ ރައްޔިތުން ހިނިތުންވާފަދައިންނެވެ. ރައްޔިތުންނާ ގުޅުންހުރި އެތައް ސިޔާސަތުތަކެއް ތަންފީޒުކޮށް ހިންގަން ފަށާފައިވަނީ ރައްޔިތުންނަށް އެމީހުންގެ ހައްޤު މިންވަރު ހަމަހަމަކަމާއެކު ލިބޭނެކަން ކަށަވަރުކޮށްދެމުންނެވެ.

ދަތުރުފަތުރުން ރަށްތައް ގުޅާލާ ރަށު ބަންދުން ރައްޔިތުން ވީއްލުން!
ދަތުރުފަތުރުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ އެމްޑީޕީގެ ކޮންމެ ސަރުކާރެއްގެވެސް މުހިންމު ވައުދެކެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުގައިވެސް މި މަސައްކަތް ފެށުނުނަމަވެސް ދެންއައި ވެރިކަންތަކުގައި އެކަމަށް ލިބެންޖެހޭ އެކަށީގެންވާ އެއްބާރުލުން ނުލިބުމުން އެ މަސައްކަތްތައް ވަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގޮސްފައެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި މިމަސައްކަތް އަލުން ފެށި, ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ވަނީ ދަތުރުފަތުރަށް ރައްޔިތުން ކުރާ ބޮޑު ހަރަދަށް ލުއިގޮތްތަކެއް ހޯދައިދީފައެވެ.

އެގޮތުން އާރްޓީއެލްގެ ދަށުން ރާއްޖެ 6 ޒޯނަލަށް ބަހާލައި ޤައުމީ ފެރީ ނިޒާމު ފެށީ, ހަމަހަމަކަމުގެ ނަމޫނާ ދައްކާ މިސަރުކާރުންނެވެ. އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފެށި އޭގެ ފައިދާ އުތުރުގެ ހއ. ހދ އަދި ށ. އަތޮޅުގެ ރައްޔިތުންނަށް ކުރަމުން އަންނައިރު ރައްޔިތުން ފާހަގަ ކުރަނީ ސަރުކާރުގެ މި މުހިންމު ސިޔާސަތުން ރައްޔިތުންގެ ޖީބަށް ލުއިވި ވަރުގެ ވާހަކައެވެ. މި މަސައްކަތުން ރައްޔިތުންނަށް ވަމުން އަންނަ ފައިދާގެ ވާހަކައެވެ.

އާރްޓީއެލްގެ ދަށުން މުޅި ރާއްޖެ ގުޅުވާލެވުމުން ރައީސް ސޯލިހްގެ ސަރުކާރުގެ މި މުހިންމު ސިޔާސަތުގެ ހަގީގީ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބޭނެއެވެ. ރައްޔިތުން އެތައް ދުވަހެއްގައި އުފުލަމުންއައި ބޮޑު ބުރައަކަށް ނިމުން އައީއެވެ.

ހައްޤު މުސާރައާއެކު ތާހިރު ދިރުއުޅުމާ ދިމާލަށް ރައްޔިތުން ފެށި ދަތުރު!
މުސާރައިގެ ފަރަގު ކުޑަކޮށް ކުރާ މަސައްކަތަށް ހައްގު މުސާރައެއް ލިބުމަކީ ރައްޔިތުންގެ އަބަދުވެސް އާދޭހެވެ. ފުރިހަމަ ޑިމޮކްރަސީއަކަށް 2008 ވަނަ އަހަރު ރައްޔިތުން ފެށި ދަތުރު މިހާހިސާބަށް އައިއިރުވެސް މިކަމަށް އޮތީ ހައްލެއް ހޯދައި ނުދެވިއެވެ. އެކަމަށްވެސް ހައްލެއް ހޯދައިދިނުމަށް މުހިންމު ސިޔާސަތުތަކެއް ތަންފީޒުކޮށް ފެއްޓީ ރައީސް ސޯލިހްގެ މި ސަރުކާރުންނެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވައުދުގައި ހިމެނިގެން މުވައްޒަފުންނަށް ދޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި މި ސަރުކާރުން ރައްޔިތުންގެ އާދޭހަށް މުހިންމު ހައްލެއް ވަނީ ހޯދައިދީފައެވެ. މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުމުން މުސާރައިގެ ހެޔޮ ބަދަލު އެތައް ރައްޔިތަކަށް ކުރިއިރު, މުސާރައިގެ ފަރަގު ކުޑަކުރެވި މުހިންމު ހައްލެއް ވަނީ ހޯދިފައެވެ.

މީގެއިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް, އެ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތަށް އެކަށޭނަ މުސާރައެއް ދިނުމުގެ ގޮތުން މުސާރައިގެ ހެޔޮ ބަދަލު މި ސަރުކާރުން ވަނީ ގެނެސްފައެވެ. މިގޮތަށް ދެން މުސާރައިގެ ހެޔޮ ބަދަލު ގެނައުން އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށެވެ. މި މުހިންމު ސިޔާސަތުން އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް އެކަށޭނެ ހެޔޮ ބަދަލު ގެނައުމަކީ ރައްޔިތުންގެ އުންމީދެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށްވެސް މި ސަރުކާރުން ވަނީ ހެޔޮ ބަދަލެއްގެނެސްފައެވެ. އެގޮތުން ސާވިސް ޗާޖު ލިބުމުގައި ޒަމާނުއްސުރެއް އޮތް ބޭއިންސާފަށް ނިމުމެއް ގެނެސް, މުވައްޒަފުންނަށް އެމީހުންނަށް ހައްގުވާ ސާވިސް ޗާޖު ލިބޭނެކަން ޤާނޫނީގޮތުން މިސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. ރާއްޖޭގެ އެތައް ރައްޔިތުންނެއް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނައިރު, މި ހެޔޮބަދަލު އެ މުވައްޒަފުން ބަލައިގަންނަނީ އުފަލާއެކުއެވެ.

ތަފާތު ކުރުމެއްނެތި ތަރައްގީ ހުރިހާ ރަށަކަށް!
މިސަރުކާރު ވެގެންދާނީ ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމުގައި ކުޑައެއް ބޮޑެއް ބެލުމެއްނެތި މަޝްރޫއުތައް ހިންގުމުގައި ނަމޫނާ ސަރުކާރަކަށެވެ.

ހަމަހަމަ ކަމާއެކު ވަކި ރަށެއް ބާކީކުރުމެއް ނެތި އަސާސީ ތަރައްގީގެ މަޝްރޫތުތައް ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް އަންނަނީ ހިންގެމުންނެވެ. އެގޮތުން ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތަކާއި ބިން ހިއްކުމާއި ބަނދަރު ގާއިމު ކުރުމުގެ މަސައްކަތްތަކުގެ އިތުރުން, ރަށްރަށުގައި ހިންގާ އުމްރާނީ އެކި މަސައްކަތްތައް ފާހަގަކުރެވެއެވެ.

މިސަރުކާރުން ވަނީ އިގްތިސާދީ ގޮތުން މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ދަތިކަމަށްވެސް ކޮވިޑް-19 ގެ ދުވަސްތަކުގައިވެސް ރަށްތަކުގައި ހިންގާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައެވެ. ރަށްތަކުގައި ހިންގޭ މުހިންމު މަޝްރޫއުތަކަކީ އެކަންކަން ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަންކަމެވެ.

ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް!
ފަތުރުވެރިކަމުގެ ސިޔާސަތު ނެގުމަށްފަހު ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަންކަމުގެ ތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތު ހިމެނޭއިރު, މި ސިނާއަތުތައް ކުރިއެރުވުމަށް ސަރުކާރުން ވަނީ މުހިންމު ސިޔާސަތުތަކެއް ގާއިމުކޮށްފައެވެ.

އެގޮތުން ދަނޑުވެރިކަމަށް އެތެރެކުރާ 191 ތަކެތިން މީގެކުރިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މިސަރުކާރުން ވަނީ ކަނޑާލާފައެވެ.

ރާއްޖޭގެ ދަނޑުވެރިންނަށް އެމީހުންގެ މަސައްކަތުގައި ކުރިއަށްދިއުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދިޔައީ މިސަރުކާރުން އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނާއެކު ހެދި އެއްބަސްވުންތަކުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 715 ދަނޑުވެރިންނާއެކު އެއްބަސްވުން ގާއިމުކޮށް ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަމާއެކު ރައްކާކޮށް ރިސޯޓް މާކެޓަށް ސަޕްލައިން ކުރަންވަނީ ފަށާފައެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެކި ރަށްރަށުގައި އައިސް ޕްލާންޓްތައް ގާއިމުކޮށްވަނީ ނިންމާފައެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދީ ވަގުތުން ފައިސާ ލިބޭނެކަން ކަށަވަރު ކުރުމަށް މިފްކޯގެ ހިންގުން ވަނީ ހަރުދަނާ ކޮށްފައެވެ. ނިޒާމީ ގޮތެއްގައި މަސްވެރިކަމަކީ މަސްވެރިންނަށާއި އޮޑިވެރިންނަށް ފައިދާވާނޭ ސިނާއަތެއްކަން ކަށަވަރުކުރުމަށް އެކަމަށް ހާއްސަ ގާނޫނުތަކާއި ގަވައިދުތައް ހެދު ވަނީ ތަންފީޒުކުރެވިފައެވެ.

މިސަރުކާރުގެ ހަތަރު އަހަރު ފާހަގަކުރަންޖެހޭނީ ހަމަހަމަކަމާއެކު ރާއްޖޭގެ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި ނަމޫނާ ސަރުކާރެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ފައިދާކުރަނިވި އެތައް ސިޔާސަތުތަކަކާއެކު ރައްޔިތުންގެ މޫނުމަތިން ހާސްކަން ފިލައި އުފާވެރިކަން ގެނުވި ރައްޔިތުންގެ ވެރިކަމަށް ކުރާ ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގައެވެ.