އޭއެފްސީ ޗެލެންޖްކަޕަކީ ރާއްްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބައިނަލް އަގްވާމީ ކުޅިވަރު މުބާރާތެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ދެ ސަރަހައްދެއްގައި މުބާރާތް ކުރިއަށް ގެންދިއުމެވެ. އާބާދީ އާއި ވަސީލަތްތައް ގާއިމްވެފައިވާ ގޮތުން މީ ތާރީހީ މުބާރާތެކެވެ. މުބަރާތް ފެށެން އެންމެ 19 ދުވަހަށް ވެފައިވާ އިރު މުބާރާތް ބާއްވާ އައްޑޫގެ އެންމެ ފަހުގެ ތައްޔާރީތަކަށް ބަލާލަމާ ހިނގާށެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމް
އެއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. މެޗް ކުޅުމަށް އޭއެފްސީގެ މިންގަޑަށް ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ 14 ޖެނުއަރީ 2014ގައެވެ. ކުރީގެ ހުރި ސިޑި ބަރީގެ ކޮންމެ ކޮޅަކަށް 85 ފޫޓް އިތުރު ކުރި އިރު ސިޑި ބަރީގެ ދަށައް ގިނަ ރޫމްތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިޑިއާ ރޫމާއި، ކޯޗް ރޫމާްއި، ޖިމާއި، ފާހާނާ ބަރި އާއި ޗޭންޖިން ރޫމްތައް ވަނީ އިތުރަށް ހެދިފައެވެ.
ދަނޑުގެ ވިނަ ކޮށައި، ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. ދަނޑުގައި ލައިޓް ޖެހުމަށް ލަންކާއިން ލައިޓް ރާއްޖެއަށް މިހަފްތާގެ އާދީއްތަ ދުވަހު ލިބޭނެކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ލައިޓާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނެތެވެ.
ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސަކީ ފެންވަރު ދަށް އަދި މިފަދަ ބޮޑު މުބާރާތެއް ބާއްވާ ދަނޑެއްގައި ޖަހާ ވަރަށް ވުރެ މާ އާދައިގެ ފެންސެކެވެ.
ދަނޑުގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ދަނޑުގެ ވަށައިގެންވާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސާފު ކުރުމުގެ ބޮޑު ބައި އޮތީއެވެ.
ޕްރެކްޓިސް ދަނޑު
މުބާރާތުގެ ގްރޫޕް ބީގެ ޓީމްތައް ތިބުމަށް ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައެވެ. ޓީމްތަކަށް ފަސޭހައަކަށް މީދޫ ފުޓްބޯޅަ ދަނޑު ޕްރެކްޓިސް ދަނޑަކަށް ތައްޔާރު ކުރާއިރު ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ ރަށުގެ ޒުވާނުންނެވެ. އޭއެފްސީ ޗެލެންޖް ފަދަ މުބާރާތެއް އައްޑޫގައި ބޭއްވުމުގެ ފައިދާ އައްޑޫއަށް ނުކުރާކަން ދަލީލް ކުރާ އެއްކަމަކީ މީދޫ ދަނޑުގެ މަސައްކަތެވެ.
ދަނޑު ލެވެލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރޯޑް ކޯޕަރޭޝަނުން ގުޅިގެން ފެށި އިރު ލެވެލް ކުރާ ވެހިކަލަށް ތެޔޮ އަޅަނީ ރަށުގެ ޒުވާނުން ސަލާން ޖަހައިގެންނެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ދައްކަނީ އެކި ވާހަކައެވެ.
ދަތުރު ފަތުރު
ބޮޑު މުބާރާތެއް އައްޑޫގައި ބާއްވާ އިރު މުބާރާތް ބެލުމަށް ދަނޑަށް ވަންނަނީ ކޮން ބައެއް ހެއްޔެވެ؟ ގުޅިފައިވާ ރަށްތަކުގެ މީހުންނަށް ސައިކަލާއި ކާރު ފަދަ ވެހިކަލް ތަކުގައި ހިތަދޫއަށް ދެވިދާނެއެވެ. އެކަމަކު ހުޅުމީދޫ މީހުން މެޗް ބަލަން ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކަމަށް ވިސްނާފައިވޭ ބާވައެވެ.
އައްޑޫގައި މުބާރާތް ބާއްވާއިރު މެޗް ބެލުމަށް އަވަށްޓެރި ފުވައްމުލަކާއި ހުޅުމީދޫން ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. އަދި އެއްގަމު ދަތުރު ފަތުރުތަކަށް ޕަބްލިކް ޓްނާސްޕޯޓް ސިސްޓަމްގެ ތެރެއިން ބަސް ދަތުރު ހަމަޖެހުން މުހިއްމެވެ.
އަދި މުބާރާތާއި ގުޅިގެން ރާއްޖޭން ބޭރުން އަންނަ ފަރާތްތަކަށް ފަސޭހައިން ދަތުރު ފަތުރު ހަމަޖެއްސުމަށް އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ. މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ދިން ޖަވާބަކީ "އާ ތީ އަދި ނުވިސްނި އޮތް ތަންކޮޅެއް" ކަމަށެވެ.
މިނިސްޓްރީ ތަކަށް ވިސްނެނީ ކޮން އިރަކުން ހެއްޔެވެ. މިހާރު ވިސްނަން އޮތީ އެންމެ 19 ދުވަހެވެ.
މުބާރާތް އިޝްތިހާރު ކުރުން
ޗެލެންޖް ކަޕްގެ އިޝްތިހާރުތައް ވެރިރަށް މާލޭގައި ފޯރިއާއި އެކު ކުރަން ވަނީ ފަށާފައެވެ. މުބާރާތުގެ އެންމެ ފަހުގެ ހަބަރު ގެނެސްދިނުމަށް މީޑިއާ ޓީމެއް އެކުލަވާލާ، ހާއްސަ ކަވަރޭޖެއް ވަނީ ފަށާފައެވެ. މާލޭގައި ވެހިކަލް ބުރެއް ބާއްވާފައިވާ އިރު އިތުރު ހަރަކާތްތައް ދަނީ މުބާރާތާއި ގުޅިގެން ކުރަމުންނެވެ. ތީމަކާއި ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލާފައިވާ އިރު އައްޑޫން މުބާރާތާއި ގުޅޭ އެއްވެސް ހަރަކާތެއް ނެތެވެ.
މާލޭގައި ބޮޑެތި ކޮމެޓީ ތައް ހަދައިގެން މުބާރާތުގެ ފޯރި ގަދަ ކުރަމުން އަންނަ އިރު އައްޑޫގައި އެކަމަށް މިނިސްޓްރީތަކުން އެކުލަވާލި ޓީމެއް، މީހެއް، ބޯޑެއް އޮފީހެއް، ޑެސްކެއް ނެތެވެ.
މުބާރާތަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު މިހިރީ ހައްތަހާވެސް އައްޑޫ މުބާރާތަށް ތައްޔާރު ނުވާ ކަމުގެ ހެކި ތަކެވެ.