އައްޑޫގައި ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައި އަލީ މުފީދު އިސްލާމިކް މިނިސްޓްރީގެ މަގާމަކަށް ހަމަޖައްސައިފި އެވެ.
އޭނާ ހަމަޖެއްސީ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވެއްގެ މަގާމަށެވެ. އެ މަގާމަށް އަލީ މުފީދު އައްޔަންކުރެއްވުމާ ގުޅިގެން މިއަދު އައްޑޫ ސިޓީ ކައިންސިލާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް އައްޑޫގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ކައުންސިލުން ބުންޏެވެ.
ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ހިތަދު އަށް ނިސްބަތްވެވަޑައިގަންނަވާ ޝައިހް މުހައްމަދު އަނީލު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަލީ މުފީދަކީ މިހާރު ޝަރަފުއްދީން ސްކޫލްގެ ނަމުގައި ހިންގަމުން އަންނަ ކުރީގެ ސަދަން ސެކަންޑްރީ ސްކޫލްގައި ވަރަށް ގިނަ ދުވަހު އިސްލާމް ޓީޗަރެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ހަމަޖެއްސި މަގާމުގެ ޒިންމާތައް އޭނާ އަދާކުރައްވާނީ އައްޑޫގައި ހުންނަވައިގެންނެވެ.