Last Updated: September 20, 14:00
Friday, September 20, 2024
ޚަބަރު

ހިތަދޫ ހޮސްޕިޓަލުން ވިއްސި ކުއްޖަކަށް ޒަހަމްތަކެއް!

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މިއަދު ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މާބަނޑު މީހަކު ވިއްސަން އުޅުމުގެ ތެރޭ މައިމީހާއަށާއި ކުޑަ ދަރިފުޅަށް އެކިވަރުގެ ޒަހަމްތަކެއް ވެއްޖެއެވެ.

އަންހެން މީހާގެ އާއިލާގެ މީހަކު މިރޭ ބުނީ އަންހެން މީހާ ވިއްސަން ދިއުމުން ކުޑަދަރިފުޅުގެ ފޫޅު ދަނޑި ކަރަށް އޮޅިފައިވާކަމަށް ސްކޭނުން ދެއްކުމުން އިމަޖެންސީގައި އޮޕަރޭޝަން ކޮށް ދަރިފުޅު ނެގުމުގެ ތެރޭގައި ދަރިފުޅުގެ ކަރުން ޒަހަމްތަކެއްވެ، މައި މީހާއަށްވެސް ގެއްލުން ވެފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ދަރިފުޅަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި މައިމީހާއަށް ވެސް ގެއްލުމެއް ވެފައި ނެތް ކަމަށެވެ.

ހަފްސާ ވިދާޅުވީ ތުއްތު ކުއްޖާގެ ކަރުން ތަންކޮޅެއް ނޫފައިގެން ދިޔުން ނޫން އިތުރު އެހެން ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ހަފްސާ ވިދާޅުވީ އަންހެން މީހާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެނައީ ހެނދުނު 8:30 އެހާކަށް ހާ އިރު ކަމަށާއި، އަންހެން މިހާގެ ހާލަތު ހުރި ގޮތުން ދެމައިން ސަލާމަތްކުރުމަށް ވަގުތުން އޮޕަރެޝަން ކުރި ކަަމަށެވެ. އަދި އެވަގުތު ކަންތައް ހުރި ގޮތުން އެމީހާ މާލެ ފޮނުވެން ނެތް ކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ އާއިލާގެ ފަރާތުން ވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގެ ރިޕޯޓް ލިބުމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ފަރާތުން ޑރ. ހަބީބް ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގެ ވެރިންނާއި ބައްދަލުކޮށްފައެވެ.