Last Updated: November 24, 11:53
Sunday, November 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (76)

(މެއި 5، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)


ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުގެ އުސްއަލިތައް

7. 2007: އިނގިރޭސި ޕާލަމަންޓްގެ މަތިގޭގައި ތަގުގީރު ކުރައްވަމުން 2008 ވަނަ އަހަރުގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކުން ވާފަ ކުރެވޭނެ މިނިވަން އިންތިހާބެއް ރާއްޖޭގައި ބާއްވާނެ ކަމަށް ރައީސް މައުމޫން ވައުދުވެވަޑައިގަތެވެ.

18.8.2007: ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކަށް އޮތުމަށް ފެންނަނީ ބަރުލަމާނީ ނިޒާމެއްތޯ، ރިޔާސީ ނިޒާމެއްތޯ ބެލުމަށްޓަކައި އާންމު ވޯޓް ލުން މިއަދު އޮތެވެ.

7.12.2007: "އިންތިގާލީ ސަރުކާރަކަށް ގޮވާލާ މަދަނީ ބާރު" ގެ ހާއްސަ ޖަލްސާގައި "ގައުމީ އެއްބައިވަންތަކަމުގެ ގުޅުން" މި ނަމުގައި އުފެދުނު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިއްތިހާދު އަންނަ ރިޔާސީ އިންތިހާބާ ހަމައަށް ވެސް ދެމެހެއްޓުމަށް ގޮވާލައި، މި އެއްބަސްވުމަށް އަމަލު ކުރަން އެއްބަސްވެވުނެވެ. އަދި އިންތިގާލީ ވެރިކަމެއްގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާގެ މަގާމާއި ކެބިނެޓްގެ މައްސަލަ ފިޔަވައި ދެން ހުރި ހުރިހާ ކަމަކާ މެދުވެސް ވާހަކަ ދެއްކި ދާނެ ކަމަށް ލީގަލް ރިފޯމް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އަދި މިއަދު އައްޑޫގައި އެއްބައިވަންތަ ކަމުގެ ގުޅުމުގެ ފަރާތުން އިންތިގާލީ ސަރުކާރާ ބެހޭ މައުލޫމާތު ދިނުން އޮތެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު އީޔޫގެ ވަފުދެއް ރާއްޖެ ވަޑައިގެން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރެއްވި އެވެ.

17.12.2007: އީޔޫގެ ފަރާތުން ދެކުނު އޭޝިއާގެ ގައުމަތަކަށް ވަޑައިގެން އުޅުއްވާ ނުވަ މެމްބަރުންގެ ވަފުދާ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ވަފުދުން ބައްދަލު ކުރެއްވުން ސްރީ ލަންކާގައި އޮތެވެ.

29.01.2008: ރައީސް މައުމޫން އައްޑު އަށް ވަޑައިގަތެވެ. އައްޑޫގައި ނޫސްވެރިންގެ ސުވާލްތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާން ވިދާޅުވީ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ސަރުކާރުން ތާއީދު ނުކުރައްވާނެ ކަމަށެވެ. އެކަމަށްޓަކައި ބޭރުގެ ޕްރެޝަރެއް ވެސް ނެތް ކަމަށެވެ.

07.03.2008: ސިޔާސީ ޕާޓީއަކުން ބޭއްވި ފުރަތަމަ ރިޔާސީ ޕްރައިމެރީ ލޯންޗް ކުރުމުގެ ރަސްމިއްޔާތު އެމްޑީޕީން ބޭއްވި އެވެ. މި ރަސްމިއްޔާތުގައި ކެންޑިޑޭޓް ނަޝީދު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.

26.06.2008: ގާނޫނު އަސާސީ އިސްލާހުކޮށް ނިންމެވި އެވެ. އައު ގާނޫނު އަސާސީ އެކުލަވާލެއްވުމަށް ގާނޫނު ހަދާ މަޖިލިސް އެއްކުރެވުނީ ޖުލައި 19، 2004 ގަ އެވެ. އިސްލާހު ކުރެވުނު ގާނޫނު އަސާސީ އަމަލު ކުރަން ފެށީ އޮގަސްޓް 7، 2008 ގަ އެވެ.

16.09.2008: "އިންތިހާބްތަކާ ބެހޭ އާންމު ގާނޫނު" އާއި "ރިޔާސީ އިންތިހާބުގެ ގާނޫނު".

18.09.2008: ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަޝްވަރާގެ މަތިން ރާއްޖޭގެ ފުރަތަމަ ސްޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތަކަށް އެ މަޖިލީހުން ރުހުން ދެއްވި އެވެ. މި ފަނޑިޔާރުންގެ މެދުގައި ނެންގެވި ސިއްރު ވޯޓަކުން އިންތިގާލީ މަރުހަލާގައި އުއްތަމަ ފަނޑިޔާރަކަށް ހޮވިވަޑައިގަތީ ސ. މީދޫ އަލްއުސްތާޒް އަބްދުﷲ ސައީދު އެވެ.

23.09.2008: ސޯޝަލް ލިބަރަލް ޕާޓީ އާއި އަދާލަތު ޕާޓީން ރައީސް މައުމޫނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ދައުވާ ކުރި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް ވެސް ކުރިމަތި ނުލެވޭނެ ކަމަށް ދައުވާ ކުރެއްވި އެވެ. މި ދައުވާ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް ސ. ހިތަދޫ މޫސާ އަންވަރު އެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް ސާބިތު ނުވާ ކަމަށް ހުކުމް ކުރެއްވި އެވެ.

08.10.2008: އޮކްޓޯބަރު 10 ގެ ކުރިން ބޭއްވުމަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ރިޔާސީ އިންތިހާބް މިއަދު ބޭއްވުނެވެ. އެއްވެސް ކެންޑިޑޭޓަކަށް %51 ވޯޓް ލިބިވަޑައި ނުގަތުމުން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން ދެވަނަ ބުރަަކަށް އިންތިހާބު ބޭއްވުމަށް ނިންމެވި އެވެ. އޮކްޓޯބަރު 29 ގަ އެވެ.

15.10.2008: އެމްޑީޕީގެ އިއްތިހާދުން އައްޑޫގައި ހާއްސަ ކެމްޕޭން ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި މިޑް ޓާމް އިލެކްޝަނެއް ބޭއްވުމަށް ނަޝީދު ވައުދުވެވަޑައިގަތެވެ.

29.10.2008: ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިއްތިހާދަށް ކާމިޔާބް ލިބި ރައީސް ނަޝީދު ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ހޮވިވަޑައިގަތެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.