Last Updated: September 20, 14:00
Friday, September 20, 2024
ރިޕޯޓް

މިކަން ބަލައި ދޭނީ ކާކު؟

އެސްބީޓީގެ ވެރިއާ ބާގިރު ހިތަދޫ ކޯޓުގައި

ހައްޖާއި އުމުރާގެ މަތިވެރި އަަޅުކަން ކުރުމަށް ގެންދިއުމަށް ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރުވެރި ގޮތެއްގައި ފައިސާ މިއަދު މިދަނީ ހޯދަމުންނެވެ. އެފަދަ މީހުން މުޖްތަމައުގައި މިދަނީ ގިނަވަމުންނެވެ. އެކަމަކު މިކަން ކަން ހުއްޓުވުމަށް ކަމާއި ބެހޭ ފަރާތްތަކަށް ކުރެވުނީ ކޮން ކަމެއް ތޯއެވެ؟

އެސްބީޓީ ހައްޖު ގްރޫޕް ނަމުގައި 25 މީހެއްގެ އަތުން ހިތަދޫ މީހަކު ވަނީ =/875000ރ ( އަށްލަަައްކަ ހައްދިހަ ފަސްހާސް ރުފިޔާ ) ނަގާފައެވެ. އުމުރާގެ މަތިވެރި އަޅުކަމަށް ގެން ގޮސްދޭނެކަމަށް ބުނެ 14 މާރޗް 2012 މި މީހާ ވަނީ ކޮންމެ މީހެއްގެ އަތުން =/35000 ރުފިޔާ ނަގާފައެވެ. އަދި ފައިސާ ކޮޅާއި އެކު ވަނީ ފިލާ ރައްކާވެފައެވެ.

އެސްބީޓީގެ ވެރިއާ ޢަބްދުﷲ ބާގިރަށް ފައިސާ ދެއްކި މީހަކު ބުނީ އުމްރާއަށް ވަގުތު ކުޑަތަން ވުމުން ގުޅުމުން ފޯން ނިއްވާލާ ފޯނު ނަންބަރު ބަދަލު ކުރި ކަމަށެވެ. އަދި ބާގިރު މާލޭގައި ދިރިއުޅޭ ތަނަށް ދިޔައިރު އެތަން ދޫކޮށް ހުޅުމާލެއަށް ބަދަލުވެފައިވާ ކަމަށެވެ.

މިމައްސަލަ ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނައް ވެސް ހުށަހަޅާފައެވެ. އަދި ފުލުހުން ވަނީ ފައިސާ ދެއްކި 25 މީހުންގެ ބަޔާން ނަގާފައެވެ.

އުމްރާއަށް ފައިސާ ދެއްކި މީހަކު "އައްޑުލައިވް" ކިޔައިދިން ގޮތުގައި މި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކޯޓު އަމުރުގެ ދަށުން ބާގިރު ކޯޓަށް ގެނައުމަށް ހަރަދު ކުރަން ޖެހުނީވެސް އުމްރާއަށް ފައިސާ ދެއްކި މީހެކެވެ.

މި މައްސަލާއި ގުޅޭ ފުރަތަމަ އަޑުއެހުން ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ 10 އެޕްރީލް 2014 ދުވަހުއެވެ. އަޑުއެހުމަށް ފަހު ބާގިރު ވަނީ މާލެ ފުރައިގެން ގޮސްފައެވެ.

މިކަމާއި ގުޅިގެން އިންސާފު ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް އުމްރާއަށް ފައިސާދެއްކި މީހަކު ވަނީ މިދިޔަ މަހު ނިޔާވެފައެވެ.

މިކަމާއި ގުޅިގެން ސަރުކާރާ ކަމާ ބެހޭ މުއައްސަސާތަކަށް މި މީހުންނަށް އެތައް ފަހަރަކު ގޮސްފިއެވެ. އެކި ވަރުގެ ވެރިންނާއި ބައްދަލުކޮށްފިއެވެ. އިންސާފު ހޯދުމަށް ޝަރީއަތަށް ގޮސްފިއެވެ. ކޯޓުގައި އޮތް މައްސަލަ އަދިވެސް އޮތް ގޮތަށް އޮތީއެވެ. ފައިސާ ލިބުނު މީހާ އުފަލުގައި އެބައުޅެއެވެ.