ސ. ގަމުގައި އެއާޕޯޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ނެރެފައިވާ އިއްލާނެއްްގައި ވަނީ ގަމުގައި އެއާޕޯޓް ހޮޓަލެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން މި މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އަދި މިކަމައި ގުޅޭ މައުލޫމާތު ސެޝަނެއް މިމަހުގެ 12 ވަނަ ދުވަހު އޭއައިއޭގެ މާލެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގަމުގައި އެއާޕޯޓް ހޮޓަލެއް ހިންގާނެ ފަރާތެއް ހޯދުމަށް އޭއައިއޭއިން ފުރަތަމަ އިއްލާން ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އެފަހަރު ބަޔަކު ޝައުގުވެރިކަން ފާޅު ނުކުރުމާއި ގުޅިގެން އެމަޝްރުއު އޮތީ މަޑު ޖައްސާލާފައެވެ.
ގަމުގެ ވައިގެ ބަނދަރު ހިންގަމުން އަންނަ އޭއައިއޭއިން އެއާޕޯޓް ހޮޓާ ހިންގުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މާލީ ގާބިލް ކަމާއި ތަޖްރިބާ ހުރި ކުންފުނިތަކަށް އިސްކަން ދޭނެ ކަމަށް އޭއައިއޭއިން ބުނެއެވެ.
ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރުއުގެ ދަށުން ރަންވޭ ދިގު ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ މުޅިން ނިންމާލާފައެވެ. ނަމަވެސް މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ލަހުންނެވެ.