ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފަށާފައިވާއިރު މިއަދުގެ ފަހު މެޗަކީ މަރުގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި މެކްސިކޯ އެވެ.
ގްރޫޕް ސީ ގައި ހިމެނޭ މި ދެ ޓީމުގެ ތެރެއިން އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ވަނީ ހައިރާންކުރަނިވި ގޮތަކަށް ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެފަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ބައްދަލުކޮށް މެކްސިކޯ ވީ އެއްވަރެވެ. މި ގްރޫޕްގައި މިރޭ ޕޮލެންޑުން ސައުދީގެ މައްޗަށް ކުރި ހޯދާފައިވުމުން މި މެޗުން ތިން ޕޮއިންޓް ހޯދުން ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ.
މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ އާޖެންޓީނާ ސައުދީ އަތުން ބަލިވުމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މިހާތަނަށް ފެނުނު އެންމެ ބޮޑު ޝޮކެވެ. ސައުދީން އެ މެޗުގައި އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައި ކަމަށްވާއިރު އެއީ 36 މެޗަށްފަހު އާޖެންޓީނާ ބަލިވި ފުރަތަމަ މެޗުވެސް މެ އެވެ. އެ މެޗުގައި އާޖެންޓީނާ އަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މިރޭގެ މެޗަށް ނިކުންނައިރު އާޖެންޓީނާ އަށް އޮތް ޕްރެޝަރު ކިތަންމެހާ ވެސް ބޮޑެވެ. އެގޮތުން މިރޭގެ މެޗުން ބަލިވެއްޖެ ނަމަ އާޖެންޓީނާ މުބާރާތުން ކަޓާނެ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އާޖެންޓީނާ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ފުރަތަމަ ދެ މެޗުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.
މެކްސިކޯ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހީރޯއަކަށްވީ އެޓީމުގެ ގޯލްކީޕަރު ގިއޭމޯ އޮޗޯއާ އެވެ. އެގޮތުން އެ މެޗުގައި ޕޮލެންޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި އެ ޕެނަލްޓީ މަތަކޮށް މެކްސިކޯ އަށް އެ މެޗުން ޕޮއިންޓެއް ހޯދައިދިނުމުގައި އޮޗޯއާގެ ދައުރު ބޮޑެވެ. އާޖެންޓީނާ އިން މިރޭ ވަރަށް އެޓޭކިން ގޭމެއް ކުޅޭނެ ކަމަށް ބެލެވޭއިރު އޮޗޯއާގެ ގޯލަށް މިރޭ ބާރުބޮޑުވާނެކަން ޔަގީނެވެ. އެންމެފަހުން މެކްސިކޯ އިން ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުގައި ވެސް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މެކްސިކޯ މިރޭ މި ސިލްސިލާ އަށް ނިމުން ގެންނަންޖެހެ އެވެ.
އާޖެންޓީނާ
އާޖެންޓީނާ އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ނަމަވެސް ޔޫރަޕް ފިޔަވާ އެހެން ބައްރުތަކުގެ ގައުމުތައް އަތުން ވޯލްޑް ކަޕެއްގައި އާޖެންޓީނާ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެއް ނުވެ އެވެ.
މެކްސިކޯއާ ދެކޮޅަށް އެންމެފަހުން އާޖެންޓީނާ ކުޅުނު 10 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ހަތް މެޗުން އާޖެންޓީނާ ވަނީ މޮޅުވެފަ އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި މެޗަށް ނިކުންނައިރު އާޖެންޓީނާ ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.
މެކްސިކޯ
އެންމެފަހުން ބޭއްވި 8 ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް މެކްސިކޯ ވަނީ ތިން މެޗު މިހާތަނަށް ކުޅެފަ އެވެ. އެ ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗަށް ނިކުންނައިރު މެކްސިކޯ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
އާޖެންޓީނާ އާއި މެކްސިކޯ މިހާތަނަށް ވަނީ 35 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. މީގެތެރެއިން 16 މެޗުން އާޖެންޓީނާ މޮޅުވިއިރު މެކްސިކޯ މޮޅުވީ ފަސް މެޗުންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2019 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު 4-0 އިން ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ.
އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.