ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޭދޫގެ ދެ ދިމާއެއްގައި ހަދާފައިވާ 25 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް، ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިނިސްޓްރީގެ އިތުރުން ފޭދޫ އަވަށު އޮފީހަށް ޝަކުވާ ހުށަހެޅޭނެ އެވެ.
ކުރިއާ ހިލާފަށް މި ފަހަރު ހައުސިން ޔުނިޓްތަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ސީދާ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.
ޕޮއިންޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހު، ވީހާ ވެސް އަވަހަކަށް ގުރުއަތުލާން ވެސް ވަނީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓްރީގެ ދަށުން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ މަހު ހުޅުވާލުމުން ޖުމްލަ 166 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.
ތިން ކޮޓަރި އާއި ފާހާނާ އަދި ބަދިގެ އާއި ސިޓިން ރޫމް ހިމެނޭ ގޮތަށް ދެ ބުރިއަށް އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. އަދި މަހަކު 3،000ރ. ދައްކަން ޖެހެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި މި ހައުސިން ޔުނިޓްތައް ނިމިފައި ހުންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެހެން ނަމަވެސް ކޮންމެ ފަހަރަކު ޕޮއިންޓް ލިސްޓް އާންމު ކުރާ ހިސާބުން މައްސަލަތައް އުފެދި، ގުރުއަތާ ހަމައަށް ދެވޭ ގޮތެއް ނުވެ އެވެ. ޔުނިޓްތައް ދޫނުރެވި ދިގުލައިގެން ގޮސްފައި ވަނީ ވެސް އެ ސަބަބާ ހެދި އެވެ.