ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމް އަތުން މޮރޮކޯ އިން ހޯދި ތާރީހީ މޮޅު، އެޓީމުގެ ފުލްބެކް އަޝްރަފް ހަކީމީ އޭނާގެ މަންމަ އަށް ހާއްސަކޮށްފި އެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބެލްޖިއަމްގެ މައްޗަށް މޮރޮކޯ އިން މިރޭ ކުރި ހޯދީ 2-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ގޯލް ވެސް މޮރޮކޯ އިން ކާމިޔާބުކުރީ ދެވަނަ ހާފްގަ އެވެ.
މިރޭގެ މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ހަކީމީ މޮޅު ކުޅުމެއް ދެއްކިއިރު މި މެޗުން ބަލަން އޭނާގެ މަންމަ އާއި އާއިލާގެ ބައެއް މެމްބަރުން ދަނޑުގައި ތިއްބެވެ. އެގޮތުން ހަކީމީ ވަނީ މެޗަށްފަހު އޭނާގެ މަންމަ އަށް ޖޯޒީ ހަދިޔާކުރުމަށްފަހު ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
Achraf Hakimi celebrating with his mother after Morocco's win against Belgium is everything ❤️🇲🇦 pic.twitter.com/GgAaM0nXl6
— ESPN FC (@ESPNFC) November 27, 2022
ހަކީމީގެ އިތުރުން މޮރޮކޯގެ އެހެން ބައެއް ކުޅުންތެރިން ވެސް މެޗަށްފަހު އެ ކުޅުންތެރިންގެ އާއިލާތަކާއެކު ވަގުތު ހޭދަކުރިއިރު އެ ފޮޓޯތަކަށް އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިގެން ގޮސްފަ އެވެ.
މިއީ 1998 ވަނަ އަހަރަށްފަހު މޮރޮކޯ އިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު މިއީ 1994 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗަކުން ބެލްޖިއަމް ބަލިވި ފުރަތަމަ ފަހަރެވެ.
Hakimi and his Mother. ♥️pic.twitter.com/T3OeUyx7HQ
— Mu. (@FutbolMuu) November 27, 2022
މި މޮޅާއެކު މޮރޮކޯ މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ބެލްޖިއަމް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ކްރޮއޭޝިއާ އެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކެނެޑާ އެވެ. މި ގްރޫޕްގައި މިރޭ ކެނެޑާ އާއި ކްރޮއޭޝިއާ ބައްދަލުކުރާނެ އެވެ.
ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މޮރޮކޯ އަށް މިހާރު ހުޅުވިފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. އަދި ބެލްޖިއަމް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ.