އަައްޑޫގެ ޕަބްލިކް ހެލްތު ދާއިރާ ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިއްޔެ ބޭއްވި ބައްދަވުމުގައި އައްޑޫގެ ހުރިހާ އަވަށެއްގައި މަސައްކަތްކުރާ ޕަބްލިކް ހެލްތު ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓަލްގެ އޭއީއެޗް ޔުނިޓްގެ ވެރިންނާއި އަވަށްތަކުގެ ސިއްހީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ހޮސްޕިޓަލްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހެވެ.
ބައްދަލުވުމުގައި ވަނީ އައްޑޫގެ ޕަބްލިކް ހެލްތު ދާއިރާ މިހާރަށް ވުރެ ހަރުދަނާކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކޮށްފަ އެވެ.
އައްޑޫގެ ޕަބްލިކް ހެލްތު ދާއިރާގެ މުވައްޒަފުން ބުނާ ގޮތުގައި މި ދާއިރާ އަށް ސަރުކާރުން މާ ބޮޑު އަޅާލުމެއް ނުދެ އެވެ. އެހެންވެ ކުރިއަށް ވުރެ ބޮޑަށް އައްޑޫ ޕަބްލިކް ހެލްތު ދާއިރާގެ ކަންކަން ދޯދިޔާ އެވެ. ޕަބްލިކް ހެލްތަށް ހާއްސަކޮށްގެން ކުރިން މަރަދޫފޭދޫގައި "ދަމަނަވެށި" ގެ ނަމުގައި ހިންގަމުން އައި އޮފީސް މިހާރު ވަނީ އެހެން ކަމަކަށް ހާއްސަކޮށްފަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު "ދަމަނަވެށި" ވަނީ ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު (އެސްސީޑީސީ) ގެ ނަމަށް ބަދަލުކޮށްފަ އެވެ. އަދި އެ ނަމުގައި އެތަން ރަސްމީކޮށް މިދިޔަ އަހަރުގެ އެޕްރީލް 8 ގައި ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އައްޑޫގައި ޕަބްލިކް ހެލްތުގެ ހިދުމަތްތައް ދެމުން އަންނަނީ އޭއީއެޗާއި އެތަނުގެ ދަށުން ހިންގަމުން އަންނަ ސިއްހީ މަރުކަޒުތަކުގަ އެވެ. ޕަބްލިކް ހެލްތު ދާއިރާ އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ދަށުގައި އޮންނަ ދާއިރާއެކެވެ.