މީދޫ ކޯޕަރޭޓް ކޮމިއުނިއަމް (އެމްސީސީ) އިން އޭއެފްސީ ޗެލެންޖް ކަޕްގެ ފޯރިގަދަ ކުރުމުގެ ގޮތުން މާދަމާ ހަވީރު ބާއްވާ ބޮއްކުރާ ރޭހުގައި ބައިވެރިވުމަށް ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް މިރޭ އައްޑޫއަށް ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްސީސީގެ އިސް އޮފިޝަލަކު މިރޭ ބުނީ ބޮއްކުރާ ރޭހުގައި ބައިވެރިވުމަށް މިރޭ ދަންވަރު ފްލައިޓުން މަލީހް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާދަމާ ހެނދުނު މީދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުގައި މަލީހް އާއި އެކު މިނިސްޓްރީގެ ބައެއް އިސްވެރިން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ހަވީރު މީދޫ ބަނދަރުން ފަށާ ބޮއްކުރާ ރޭސްގައި އޭއެފްސީގައި ބައިވެރިވާ 8 ގައުމަށް ނިސްބަތްވާ ޓީމް ވާދަކުރާނެއެވެ. އަދި ކޮންމެ ޓީމެއްގައި 3 ފަލިޖެހުންތެރިން ހިމެނޭނެއެވެ.
މާދަމާ ހަވީރުގެ އިވެންޓްގައި މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އެމްސީސީން ވަނީ އެދިފައެވެ. ބޮއްކުރާ ރޭސް އޮންނަ ވަގުތު ބަނދަރުމަތި ޗެލެންޖް ކަޕްގައި ބައިވެރިވާ ޓީމް ތަކުގެ ދިދަ އާއި ގައުމީ ދިދައިން ޒީނަތްތެރި ކުރުމުގެ މަސައްކަތް ރަށުގެ ޒުވާނުން ފޯރިއާއި އެކު ކުރަމުން އެބަގެންދެއެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ކުރުމަށް ރަށުގެ ޒުވާނުން ތައްޔާރު ކުރި ބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެމްސީސީން ބުނެއެވެ.