Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

ވިއްސުމުގައި ޒަހަމްވި ކުއްޖާގެ މައްސަލަ ބަލަނީ

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މާބަނޑު އަންހެނަކު ވިއްސުމުގެ ތެރޭގައި ތުއްތު ކުއްޖާ އަށާއި މައިމީހާއަށް ގެއްލުންވި މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީގެ ޓީމެއް އައްޑޫގައި ހަރަކާތްތެރިވަމުން ދާ ކަމުގެ ހަބަރު ލިބިއްޖެއެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީގެ ވަފުދެއް ހަރަކާތްތެރި ވަމުންދާ އިރު މި މައްސަލާއި ގުޅިގެން ހަމަ އެކަނި ބަލަމުން ދަނީ އެ ހާދިސާ ހިނގި ވަގުތު މާބަނޑު މީހާ ވިއްސަން ހަރަކާތްތެރިވި ނަރުސް މީހާގެ މައްސަލަ އެކަނިއެވެ.

ހޮސްޕިޓަލްގެ އިހްމާލުން ޒަހަމްވި ތުއްތު ކުއްޖާ އާއި މައިމީހާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންގޮސްފައިވާ އިރު، ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ތުއްތު ކުއްޖާއަށް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.

ހޮސްޕިޓަލުން ބެލި ބެލުމުން ހަމައެކަނި ފާހަނގަ ވެފައިވަނީ ކުއްޖާގެ ކަރުން ތަންކޮޅެއް ނޫފައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ނެތް ކަމަށް ހަފްސާ ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓްރީގެ ޓީމެއް މި މައްސަލަ ބަލަމުންދާއިރު މިކަމުގައި އިތުރު ފަރާތްތަކުގެ އިހްމާލުވާ ކަމަށް އާއިލާއިން ބުނެއެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މިކަމުގައި ޑޮކްޓަރުގެ އިހްމާލެއް ނެތް ކަމަށް ބަލައި ހަމައެކަނި ނަރުސް މީހާގެ މައްސަލަ ބެލުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ތަނުގެ ވެރިން ދީފައިވާ މައުލޫމާތު ތަކަކީ ކަންކަން ފޮރުވުމަށް ދައްކާފައިވާ ވާހަކަ ތަކެއް ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކަންކަން ވަރަށް ބޮޑަށް ދޯދިޔާވެފައިވާކަމަށް ހޮސްޕިޓަލްގެ މުވައްޒަފުންނާއި އާއްމުން ދަނީ ބުނަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކު ބަލިމީހުން ތިބޭ ވޯޑުން ވައްކަން ކުރާ ކަން މެނޭޖްމަންޓަށް އެނގި އެކަން ވަނީ ހުއްޓުވުމަށް ނުކުޅެދިފައެވެ. އަދި ސޮއިކޮށްލާފައި ނިކުމެގެންދާ މުވައްޒަފުންނާއި މެދު ފިޔަވަޅު ނޭޅޭ ކަން ފާހަނގަ ކުރެވެއެވެ.