Last Updated: November 23, 13:49
Saturday, November 23, 2024
ރިޕޯޓް

ކުރިން ޓެކްގައި، މިހާރު ޓޫރިޒަމްގެ ލީޑަރެއް

ކުރަން ބޭނުންވާ ކަމެއް އޮތް ނަމަ ފަސް ޖެހޭނެ ކަމެއް ނެތެވެ. އައްޑޫގެ މި ޒުވާނާ ވެސް ސާބޮތުކޮށް ދެނީ އެކަމެވެ. މަރަދު އަށް އުފަން އިބްރާހީމް ނަޒްލީން ކުރިން އުޅުނީ ޓެކް ދާއިރާގަ އެވެ. ނަޒްލީން ސިފަކުރާ ގޮތުން ނަމަ ކުރިން އޭނަ އަކީ "ޓެކް ވިޒާޑް" އެކެވެ.

އެކަމަކު މިހާރު އޭނާ ކޮން ތާކު، ކިހާ ހިސާބެއްގައި ހެއްޔެވެ؟ ޖަވާބަކީ މުޅިން ތަފާތު އެގެން ދާއިރާއެއްގައި ވަރަށް ބޮޑު ހިތްހަމަޖަހުމަކާ އެކީގަ އެވެ. ނަޒްލީން އަކީ މިހާރު ރީތި ބީޗް ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރެވެ. ހޮސްޕިޓާލިޓީ ދާއިރާ އަށް ބަލައިފި ނަމަ، މިއީ ރިސޯޓެއްގެ އެންމެ މުހިއްމު އެއް ދާއިރާ އެވެ. ޓޫރިސްޓުންނަށް އެންމެ ފުރަތަމަ ވެސް ރިސޯޓަކުން މަރުހަބާ ކިޔާނީ، ނަޒްލީން ހަވާލުވި ޒިންމާ އަދާކުރާ ޑިޕާޓްމަންޓުންނެވެ. އެހެންވެ ރީތި ރަށުން ފަހިވި މި ފުރުސަތަކީ އޭނަގެ ކެރިއަރަށް ލިބުނު ބޮޑު ކުރިއެމެކެވެ.

ޓޫރިޒަމް ދާއިރާގައި ނަޒްލީން މަސައްކަތްކުރާތާ މިހާރު ވިއްސަކަށް އަހަރުވެއްޖެ އެވެ. އެކި ދާއިރާތަކުން އޭނާ ވަނީ ތަޖުރިބާތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހައުސްކީޕިން އާއި ރިސޯޓް އޮޕަރޭޝަން ވެސް ހިމެނެ އެވެ.

ނަޒްލީން ދެކޭ ގޮތުގައި ޓޫރިޒަމް ދާއިރާގެ ކޮންމެ މަސައްކަތްކަކީ ވެސް ޓީމް ވޯކެވެ. އެހެންވެ އޭނަ އަލަށް ހަވާލުވި މަގާމާ އެކީ ވެސް ރީތި ރަށުގައި ވަރުގަފަ ޓީމެއް ވޯކެއް ކުރެވޭނެ އެވެ. އޭނަގެ ހުރިހާ އުންމީދަކީ ވެސް އެއީ އެވެ. ނަޒްލީން ބުނާ ގޮތުގައި ޓީމް ވޯކަކީ މީހާ ތަރުތީބިއްޔަތުވުމުގައި ވެސް ވަަރަށް މުހިއްމު ކަމެކެވެ. އެހެންވެ އޭނަގެ ދަށުން މަސައްކަތްކުރާ އެންމެންނަކީ ވެސް ނަޒްލީންގެ ފަރާތުން ފިލާވަޅުތަކެއް ލިބިގަންނާނެ މުވައްޒަފަކަށް ވާނެ އެވެ.

ނަޒްލީން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާ އަށް ޖެހުނު ލޯތްބާ އެކީ މިހާރު އޭނާ ހުރީ އެކަމަށް އެއްކޮށް ހުސްވެގެންނެވެ. އަދި މިއީ ވަރަށް ޝައުގުވެރި އަދި ކުރިއަށް ދާން އެހާމެ ރަނގަޅު ދާއިރާއެއް ކަމަށް ބުންޏެވެ. ލީޑަރަކަށް އޭނަ އަށް ވެވުނީ މި ހޮސްޕިޓާލިޓީ ދާއިރާ އަށް ދެވުނު ލޯތްބާ އެކީ އާ ކަންކަން ދަސްކުރަން މިހާތަނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުންނެވެ. މަސައްކަތަށް ފަރުވާތެރިވުމާއި ޑިސިޕްލިން އެވެ. ކުރިއަށް ދާން ލަމުން އަންނަ ހިތްވަރެވެ.

ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ނަމަ ނަމޫނާއަކަށް ބަލަންވީ ނަޒްލީން ކަހަލަ މީހުންނެވެ.