ޑައިރެކްޓަރު އަދި ގާތް އެކުވެރިޔާ ކަރަން ޖޯހަރު އާ އެއްވެސް މައްސަލައެއް ނެތް ކަމަށް ކަރަންގެ ކާމިޔާބު ފިލްމުތަކެއްގައި ލީޑް ރޯލް ކުޅެފައިވާ ބަތަލާ ކާޖޮލް ބުނެފި އެވެ.
ކަރަންގެ "ކުޗްކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "މައި ނޭމް އިޒް ހާން" ގައި މުހިއްމު ރޯލެއް އަދާ ކުރި ހުނަރުވެރި ބަތަލާ ބުނީ ކަރަން އާ އަބަދު ވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެ ގުޅުމަށް އެއްވެސް ބުރުލެއް އަރާފައި ނުވާ ކަމަށް ކާޖޮލް ބުންޏެވެ.
އެހެން ނަމަވެސް ދާދި ފަހުން ނިންމާލި ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތަރު ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނަކަށް ކާޖޮލް ވާން ބޭނުންވި ނަމަވެސް، އެ ފުރުސަތު ކަރަން ނުދިނުމުން ކާޖޮލް އާއި ކަރަން އާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދި، މައްސަލަ ޖެހިފަ އެވެ.
"އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. ޝޯ ނިމިގެން ދިޔަ ގޮތާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ،" މީޑިއާގައި ފެތުރުނު ވާހަކަތަކަށް އިޝާރާތްކޮށް ކާޖޮލް ބުންޏެވެ. "ކަރަން އާއިި އަހަންނާ ދޭތެރޭ އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް. ގުޅުން ހަމަ ބަރާބަރު."
"ކޮފީ ވިތު ކަރަން" ގައި ކާޖޮލް ބައިވެރިވީ އޭނާގެ ކަޒިން އަދި "ޔެ ޖަވާނީ ހޭ ދީވާނީ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ އަޔާން މުކަރުޖީ އާ އެކުގަ އެވެ.
އެ ޝޯގެ ފުރަތަމަ އެޕިސޯޑްގައި ބައިވެރިވީ ސަލްމާން ހާނެވެ. މިއީ ކަރަންގެ މަޝްހޫރު ޓޯކް ޝޯގައި ސަލްމާން ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ކާޖޮލް ވަނީ އޭނާ ވަރަށް އަވަހަށް އެނބުރި ބޮޑު ސްކްރީނަށް އަންނަން އުޅޭ ވާހަކަ ވެސް ކަށަވަރުކޮށް ދީފަ އެވެ. އެ ފިލްމަކީ އޭނާގެ އާއިލީ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމެކެވެ.
ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ކާޖޮލް ހާމައެއް ނުކުރި އެވެ.