Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ވައި ނުސާފުވެފައިވާތީ ސަމާލުވާން އެދިއްޖެ

މި ދުވަސްވަރު ރާއްޖ\ޭގެ ބައެއް ސަރަޙައްދުތަކުގެ ވައި ނުސާފުވެފައިވާތީ، ބޭރުގައި އުޅޭ ވަގުތު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައި ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރަމުންދާތީ އެވެ. މީގެ އަސަރު ބޮޑަށް ކުރަމުން ދަނީ އުތުރަށާއި މެދުތެރޭގެ އަތޮޅުތަކަށެވެ.

އެހެންވެ ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލުމުގައި މައްސަލައެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.

ވައިގެ ސާފުމިން ވަޒަންކުރާ "އައިކިއު އެއާ އިން ވައިގެ ސާފުކަން ބަލަނީ ހަ މިންގަނޑަކުންނެވެ. އެ މިންގަނޑުން ބަލާ އިރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ތަޣައްޔަރުކަން މިހާރު ހުރީ ތިން ވަނަ ދަރަޖައިގަ އެވެ. މި މިންކުރުމުގައި ބުނާ ގޮތުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މި ވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގަ އެވެ.

އެގޮތުން މި ވައިގެ ނުސާފުކަން މި މިންގަނޑުގައި ހުންނައިރު ނޭވާލާ ނިޒާމު ނާޒުކު ހާލަތުގައި ހުންނަ މީހުންނަށް މައްސަލަ ދިމާވުމުގެ ނުރައްކާ އެބައޮތްކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން:

* ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަންކުރުން މަޑުޖައްސާލުން
* ބޭރަށް ނިކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
* ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލަޖީ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ތުއްތު ކުދިން ބޭރަށް ނުނެރުން
* ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން