މިހާރުގެ ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށްދޭތީ އެކަން ވެސް މިހާރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޯސްވެއްޖެ ކަމަށް ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ފާޑު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ތިނަދު އަށް ވަޑައިގެން ކުދި ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ފާޑު ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކެއްގެ ރައްދުގައި ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވަނީ 2018 ގެ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ޖަޒީރާ ރާއްޖެ ޕްރޮމޯޓްކުރެއްވި ކަމަށެވެ.
"އޭރު ވިދާޅުވީ ހުރިހާ ތާކު ނަރުދަމާ އަޅަން ޖެހޭނެ ކަމަށް. އެ މީހެއްގެ ރަށުގައި އުޅެވެން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "ދެން ކީއްކުރަންތޯ ރައީސް ނަޝީދު ޖަރީޒާ ރާއްޖޭގެ ވާހަކަ ދެހާސް އަށާރައިގެ އެމްޑީޕީ ޕްރައިމަރީގައި ޕްރޮމޯޓްކުރެއްވީ؟"
ނަޝީދު ތިނަދޫގައި ދެއްކެވި ވާހަކަތަކެއްގައި ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ބޮޑެތި ހަރަދުކޮށްގެން ނަރުދަމާ ނިޒާމް ގާއިމްކުރުމަށްވުރެ އެ ފައިސާއިން އާބާދީ ބޮޑެތި ރައްރަށުގެ ބޯހިޔާވަހިކަމަށާއި އާމްދަނީ ލިބޭނެ އިތުރު ދާއިރާތަކަށް ހޭދަކުރުން ބުއްދިވެރި ކަމަށް ވިދާޅުވެފައިވެ އެވެ.
"ނަރުދަމާގެ ނިޒާމެއް ފަސްދޮޅަށް މީހުން ދިރިއުޅޭ ރަށެއްގައި ހަދަން އެބަ ދޭ ފަސްދޮޅަސް މިލިއަން ރުފިޔާ،" މަޖިލީހުގެ ރައީސއް ވިދާޅުވި އެވެ. "އަޅުގަނޑަށް ފެންނަނީ އެ ފައިސާ މީހުން ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫތަކަށް ހަރަދުކުރަމުން ދިއުން."
ނަޝީދު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހިމެނޭ އެމެރިކާގައި ނަރުދަމާގެ ހިދުމަތް 90 ޕަސެންޓް ރައްޔިތުންނަށް ދެވޭކަމަށާއި އެ ހިދުމަތް ރާއްޖޭގެ 90 ޕަސެންޓަށް ދޭ ނަމަ އެއީ ގާތްގަނޑަކަށް 47 ރަށެއްގެ ރައްޔިތުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ. "އެހެން ނަމަވެސް ދެކޮޅު ނުޖެހޭ ވާހަކަ ވެސް އަޅުގަނޑުމެން ދައްކައިގެން ނުވާނެ."
ނަޝީދު ވިދާޅުވީ "ކުޑަރަށެއް ބޮޑު ރަށެއް ބަލާނުލާ މަސައްކަތް ކުރާނަމޭ" ވިދާޅުވުމުން ދޭހަވަނީ "އެޔެއް، މިއެއް ބަލާނުލައި" މަސައްކަތް ކުރައްވަމުން ގެންދެވުން ކަމަށެވެ.
ނަޝީދުގެ މި ވާހަތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ފާޑު ވިދާޅުވެފައިވެ އެވެ.