Last Updated: January 2, 06:05
Thursday, January 2, 2025
ކުޅިވަރު

ސްޓާލިން ވޯލްޑް ކަޕް ދޫކޮށް ގައުމަށް

ހަތިޔާރާ އެކީ ވަގުންތަކެއް ގެ ފަޅާލި ހާދިސާއާ ގުޅިގެން ވޯލްޑް ކަޕްގައި ކުޅޭ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން މުބާރާތް ދޫކޮށް އިނގިރޭސިވިލާތަށް ރޭ ހިނގައްޖެ އެވެ.

ތިން ކުދިންގެ ބައްޕަ ސްޓާލިން، 27، ގެ ގެ ވަގުންތަކެއް ފަޅާލީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

މިކަމާ ގުޅިގެން ރޭ ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗް ވެސް އޭނަ އަށް ވަނީ ގެއްލިފަ އެވެ. ރޭގެ މެޗުން އިނގިރޭސި ޓީމް މޮޅުވީ 3-0 އިންނެވެ. ސްޓާލިން މުބާރާތް ދޫކޮށް ގޮސްފައިވާތީ ކުއާޓާ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗްގައި އޭނަ ފެންނާނެކަމާ ދޭތެރޭ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މިކަމާ ބެހޭ ގޮތުން ކޯޗް ގެރެތު ސައުތުތޭޓް ބުނީ ސްޓާލިން އެނބުރި ގައުމަށް ދާން މަޖުބޫރުވީ އާއިލާއަށް ދިމާވި ހާއްސަ ހާލަތަކާ ހެދި ކަމަށެވެ. އެހެންވެ އޭނަ އަށް މުބާރާތަށް ވުރެ މި ވަގުތު އާއިލާ މުހިއްމު ވާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"އެހެންވެ ބޭނުމެއް ނޫން އޭނަ އަށް އިތުރު ޕްރެޝަރެއް ކުރާކަށް. ފުޓްބޯޅަ އެންމެ މުހިއްމު ނުވާ ހާލަތްތަކާ ވެސް ކުޅުންތެެރިންނަށް ކުރިމަތިލާން ޖެހިދާނެ. ސްޓާލިން އަށް ދިމާވި އެކަހަލަ ހާލަތެއް. އެހެންވީމަ އޭނަ އާއީލާއާ އެކީ ވުމަށް ޓީމުން ވަގުތު ދޭނެ،" ގެރެތު ބުންޏެވެ. "ޓީމް އޮންނާނީ އަބަދު ވެސް އޭނައާ އެކީ. ދިމާވި ހާދިސާއާ ގުޅިގެން ވަރަށް ހިތާމަ ވެސް ކުރަން."

އިންގްލޭންޑާއި ފްރާންސް ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.