އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރެއް މަރާމާތު ކުރަން މިދިޔަ މަހުގެ ތެރޭގައި 10 ވަރަކަށް ދުވަހަށް އެކި ގަޑިތަކުގައި ކަރަންޓް ކެނޑުމަށް ފަހު، އަނެއްކާ ވެސް ހަމަ އެގޮތަށް ކަރަންޓް ކަނޑަން ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުގެ މަރުކަޒީ އިންޖީނު ގެއިން ގޭގެ އަށް ފޮނުވި ނޯޓިހެއްގައި ބުނަނީ މި ފަހަރު ކަރަންޓް ކަނޑަނީ ހަތް ދުވަހަށް ކަމަށެވެ.
އަދި އެއީ އިންޖީނެއް ސާވިސް ކުރަން ކަމަށާއި އެކަމަށް ނަގާނެ ކަމަށް ލަފާ ކުރަނީ ހަތް ދުވަސް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ގުޅިފައިވާ ރަށްރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު ވެސް އެެއް ގަޑި އިރަށް ކަރަންޓް ކަނޑާލަން ވަނީ ނިންމައިފަ އެވެ.
އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައެއް ދާއިމީ ހައްލެއް ހޯދައި ދެވިފައި ނުވާތީ ގިނަ ބަޔަކު ދަނީ ފެނަަކަ އަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ. އަދި ކަރަންޓް ކަނޑާލަން ޖެހުމަކީ އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެއްކަން ފާހަގަކޮށްލެވެ އެވެ.