Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ކޮންމެ ފަސް މީހަކުން އެކަކުގެ ޑިޕްރެޝަން ހުރޭ

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ވޭން ތަހަމައްލުކުރާ މީހެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މެންޓަލް ހެލްތު ނުވަތަ ނަފުސާމީ ދުޅަހެޔޮކޮށް ހާއްސަކޮށްގެން އިއްޔެ ހަވީރު ދަރުބާރުގައި ލޯންޗްކުރި "ކިހިނެއް؟" ގައުމީ ކެމްޕޭން ގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫތައް އިހުސާސްކުރާ އިރު، ކިޔަވައިދޭ ތަންތަނާއި މަސައްކަތުގެ މާހައުލާއު، ސޯޝަލް މީޑިއާގައި ވެސް، އެކަކު އަނެކަކާ ހަނގާ ކުރުމާ، އަބުރު ކަތިލުމަކީ އާއްމުކަމަކަށް ވެފައިވާ ކަމަށެވެ.

"ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި އޮތް މިންވަރު އިތުރުވެފައިވާ އިރު، މި ބަލިތައް ތަޙައްމަލު ކުރާ މީހުންނާ، އެ މީހުންގެ ޢާއިލާތަކަކީ ތަފާތު ނަފުސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ބައެއް." މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމު ވިދާޅުވި ގޮތުގައި ނަފުސާނީ މައްސަލަތަކާ އެތައް ކަމަކާ ގުޅިފައިވާ ކަމަށެވެ. އެގޮތުން މާރާމާރީތަކާއި ތަފާތު ހަމަ ނުޖެހުންތަކާއި އަދި އިޖުތިމާޢީ އެކިއެކި މައްސަލަތަކަކީ، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ ގޮތުން ނޭދެވޭ އަސަރު ކުރާ ކަންކަން ކަމަށް ވިދާޅުވި އެވެ.

"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖެ އަކީ ވެސް މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ، ނޭދެވޭ އާދަތައް ވެސް ގިނަ މުޖްތަމަޢުއެއްކަން،" މިނިސްޓަރު ވިދާޅުވި އެވެެ. "އެގޮތުން ޑްރަގްގެ ވިޔަފާރި އާއި އޭގެ ބޭނުން ކުރޭ."

ނަސީމް ވިދާޅުވި ގޮތުގައި ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރާ މީހުންނާ މެދު މުޖުތަމައު ދެކޭ ގޮތާއި އެފަދަ މީހުންނާ މެދު ކަންކަން ކުރެވޭގޮތުން، އެ މީހުންގެ ޙާލަތު އިތުރަށް ގޯސްވާ ކަމަށެވެ.

"އެހެންވެ ކިހިނެއް ކެމްޕޭންގެ ސަބަބުން ނަފުސާނީ ސިއްހަތާ މެދު މީހުން ދެކޭ ގޮތާއި މައުލޫމާތު ހުރި މިންވަރާ، ތަފާތުކުރުންތަކާ، ހޭލުންތެރިކަން ކުޑަ މިންވަރު ފާހަގަކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ. ޞިއްޙީ ގޮތުން "ދުޅަހެޔޮ" ވުމަކީ، ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާޢީ ގޮތުން ދުޅަހެޔޮ ވުން. "ސިއްހަތަކީ އަސާސީ އިންސާނީ ހައްގެއް. މި ހައްގު ކަށަވަރުކުރެވޭނީ، ނަފްސާނީ ޞިއްޙަތު ވެސް ކަށަވަރު ކުރެވިގެން."

"ކިހިނެއް؟" ކެމްޕޭނަކީ ޔުނިސެފާ ގުޅިގެން ހެލްތު މިނިސްޓްރީން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭނެކެވެ.