Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

ރާއްޖެ އާއި ތުރުކީން އެއްބަސްވުމަކަށް

ގުދުރަތީ ހާދިސާތަކާއި ކުއްލި ހާލަތްތަކުގައި އިޖާބަ ދިނުމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ތުރުކީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން ހެދީ ތުރުކީގެ ޑިޒާސްޓަ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ (އާފާޑް) އާއި ރާއްޖޭގެ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އާ ދެމެދު އެވެ. އެއްބަސްވުމުގައި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އާފާޑްގެ ޗެއާމަން ޔޫނުސް ސެޒާ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޑީއެމްއޭގެ ޗީފް އެގްޒެކެޓިން ހިސާން ހަސަނެވެ.

މި އެއްބަސްވުމުގައި ރާއްޖެ އާއި ތުރުކީން ސޮއިކުރީ ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ އެކަންކަން ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ޤައުމުތަކުން މަޝްވަރާކުރުމަށް، ތުރުކީގެ އިސްތަންބޫލްގައި ކުރިއަށްދާ ހައި ލެވެލް ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

އެއްބަސްވުމުގެ ދަށުން ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގައި އެހީއަށް އެދޭ ހާލަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި
ކާރިސާތަކާއި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ދަސްވެފައިވާ ކަންކަމާއި، ކުރެވިފައިވާ ތަޖުރިބާ އަދި އެ ދާއިރާގެ ބެސްޓް ޕްރެކްޓިސް ދެފަރާތުގެ ދެމެދުގައި ޙިއްސާކުރުމާއި ދެ ގައުމުގެ ޑިޒާސްޓަ މެނޭޖްމަންޓް ދާއިރާގެ ފަންނީ ބޭފުޅުންގެ ތަޖުރިބާ ޚިއްސާކުރުމަށް އެކްސްޗޭންޖް ވިޒިޓް ކުރިއަށްގެން ދިއުމުގެ އިތުރަށް ކާރިސާތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ.