Last Updated: November 24, 10:30
Sunday, November 24, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(މެއި 6، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އެއްވެސް ކަމެއް ބޭނުމީޔާ ވަގުތުން އޭނާ އުލްފަތު ގެންނާނީ އެވެ ސަބަބަކީ އުލްފަތަށް ވުރެ ބޮޑަށް އޭނާ ދަންނާނީ ވަކި ކާކު ހެއްޔެވެ؟

ހީނާ ލެޕްޓޮޕް ނިއްވާލާފައި ލައްޕާލި އެވެ. ކުދިންނަށް ގުޅަން ފޯނު ނެގި އެވެ. އެކަމަކު އެވަގުތު އެހެން ކަމެއް ހަނދާންވެގެން އަވަހަށް ފޯނު ބޭއްވީ އެވެ.
ސަބަބަކީ އެ މީހުންގެ ޝެޑިއުލާ މެދު ވިސްނާނުލާ ގުޅަން އޭނާ ބޭނުމެއް ނޫނެވެ. އެ މީހުން ވެސް ވަރަށް ބިޒީކޮށް އުޅޭނެކަން ޔަގީނެވެ. އޭނާ ބޭނުންވީ ބައެއް އާ ތަންތަނުގެ ނަން ތާނިޔާ ކުރެން އަހާށެވެ. ސަބަބަކީ ދާދި އިހަށް ދުވަހު ތާނިޔާ ލަންކާ އަށް އައިސް އުޅުނު ވީއްޔާ އެވެ.

އެކަމަކު އޭނާ އަމިއްލަ އަށް އެކަންތައް ކުރަން ނިންމި އެވެ. ކުޑަކޮށް ހިނގާލީމާ ހުރިހާ ތަނެއް އެނގިދާނެތާ އެވެ. މި ދަތުރަކީ އޭނާގެ އަމިއްލަ ދަތުރެކެވެ. އެހެންވެ ހުރިހާ ކަމެއް ކުރަން ޖެހޭނީ އޭނާ އަމިއްލައަށެވެ. އޭނާ ބޭނުން ވަނީ މުޅި ލަންކާގައި ހިނގާލާށެވެ. ފައި މަގުގަ އެވެ.

އޭނާ ކުރިން ދިރިއުޅުނު އެ މާހައުލުން އެ މީރު ވަސް މިހާރު ވެސް އޭނާ އަށް ދުވަ އެވެ. ލަންކާ އަށް އައުމުން އޭނާ އަށް ލިބުނީ ވަކިން ޙާއްސަ އުފާވެރި ކަމެކެވެ. އޭނާ މުޅި ދުނީޔެގައި ބުރު ޖަހައިފި އެވެ. އެކަމަކު ލަންކާއަށް ދިޔުމުން އެވާހާ އިހްސާސް ނުހުންނަނީ ކީއްވެ ބާވަ އެވެ؟

އޭނާ އުލްފަތު ކައިރީ އެ ވާހަކަ ބުނެފިއްޔާ އެ މީހުން ޖޯކް ޖަހާނެ އެވެ. ވީމާ އޭނާ އެއްވެސް ވާހަކައެއް އެކަކު ކައިރީ ވެސް ނުދައްކާނެ އެވެ. އެކަނި ހުރިހާ ކަމެއް ކޮށްލާނީ އެވެ. ކޮންމެ ގޮތެއް ވިޔަސް ލަންކާ އާއި އޭނާ ގުޅުމެއް ވާކަން ޔަގީނެވެ. ފަނޑުވުމެއް ނެތް ގުޅުމެކެވެ. އެހެނަސް މިއަދު އެ ގުޅުމުގައި އޮތީ ދުރުކަމެކެވެ. މީރު ކަމެއް ވެސް ވެ އެވެ. ފަނޑުވުމެއް ނެތް ކުލައެއް ވާކަން ޔަގީނެވެ.

ހީނާ އަމިއްލަ އަށް ހިނިތުންވެލި އެވެ. އޭނާ މިތަނަށް އައީ ބޭކާރު ޙިޔާލު ކުރާކަށް ނޫނެވެ. އޭނާގެ ފޮތް ލިޔާށެވެ. އޭނާގެ މަގުސަދު ގެއްލިގެން ނުވާނެ އެވެ. އޭނާ ލަންކާ އަށް ދަތުރު ކުރަނީ އެކަނި ކަން އެނގިއްޖެއްޔާ ގައިމު ވެސް އޭނާގެ ކުދިން ދެރަވާނެ އެވެ.

އެހެންވެ އޭނާ ބޭކާރު ޙިޔާލުތައް ކޮށް ހިތަށް ތަދުކުރާނެ ކަމެއް ނެތެވެ. އޭނާ ހުންނަން ވާނީ އުފަލުންނެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިހެން ހީވެގެން އޭނާ ގޮސް ދޮރު ހުޅުވާލި އެވެ. ރީތި ޝާހީ ޔުނިފޯމެއްގައި ހުރި މީހަކު އައިސް ރިހި ތަބަކެއް އޭނާގެ ސިޓިން ރޫމް މޭޒްމަތީ ބަހައްޓާލި އެވެ. އެ ތަބަކުގައި ވަރަށް މީރު ޗޮކްލެޓާއި މޭވާ ހުއްޓެވެ. އަދި ހިލްޓަން މޭނޭޖަރުގެ ފަރާތުން ފޮނުވި ޑްރިންކްސް ވެސް ހުއްޓެވެ. މިއީ އެތަނަށް އަންނަ ކޮންމެ ޝާހީ މީހަކަށް އެ މީހުން ކަންތައް ކުރާ ގޮތް ކަންނޭނގެ އެވެ. ނޫނެކެވެ.

އޭނާ ރާމިޒް އާއި އެކު މީގެ ފަނަރަ އަހަރު ކުރިން ވެސް އޭނާ އަ އެވެ ހަމަ މިގޮތަށް އެ މީހުން ހިދުމަތް ދިނެވެ. މިއީ އެމީހުންގެ ސުޓެންޑާޑެވެ. މިހާރު ކުރިއަށް ވުރެ އެތަން މާރީތި ވެސް މެ އެވެ.

ހީނާ ޓިޕްސް ދީފައި އެ މީހާ ފޮނުވާލި އެވެ. އަދި ކުޑަ ދޮރުން ބޭރު ބަލާލި އެވެ. ވެހެމުން ދިޔަ ހިމަފޮދު ވާރޭތައް އޭނާ އަށް ވަރަށް ހިތްގައިމުވި އެވެ. މިހާރު ބޭރަށް ނުދެވުނަސް މުޅި މެންދުރު އޭނާ ބޭނުން ތާކަށް ދާން ވަގުތު އޮންނާނެ އެވެ.

އެހެން ނޫނަސް މިއީ އޭނާ އަރާމުކޮށްލަން އައި ތަނެކެވެ. އެކަމަކު އޭނާ ފުރަތަމަ ދާނީ ކޮންތާކަށް ބާއެވެ؟ ހިތާ އޭނާ ސުވާލުކޮށްލި އެވެ. ނޭނގޭ އުފާވެރި ކަމެއް އޭނާ އަށް އހްސާސް ވިއެވެ. އޭނާ ހުރިހާ އެއްޗެއް ނަގާކަށް ބޭނުމެއް ނުވި އެވެ.

އެ ވަގުތަކަށް ބޭނުންވާ ވަރަށް އެތިކޮޅެއް ނެގުމަށް ފަހު ދެން ދަބަސް އަލުން ލައްޕާލި އެވެ. ބޭނުންވާ މިންވަރަށް ހެދުން ނަގައި ބޮޑު އަލަމާރީގެ ކޮނޑުތަކުގައި އަޅުވާލި އެވެ. އަދި ފެންވަރާ ސާމާނު ހިފައިގެން އޭނާ ފާހާނާ އަށް ވަނެވެ. ވަރަށް ތަނަވަސް ފާހާނާއެކެވެ.

ފާހާނާގެ މެދުގައި ނޫކުލައިގެ ބޮޑު ޖަކޫޒީއެއް ހުއްޓެވެ.އަދި ވަކިން ފެންވެރޭ ގޮތަށް މާގަނޑެއް ވެސް ހުއްޓެވެ. ހީނާ ޖަކޫޒީ އޮން ކޮށްލާފައި ހޫނުފެެނާއި ފިނިފެން އަޅާއެއްވަރު ކޮށްލި އެވެ. ހީވާ ގޮތުން އޭނާ ބޭނުން ވަނީ ޖަކޫޒީތެރޭ އޮވެލާށެވެ.
އޭގެ މަޑު ބޮކިތަކުން އަރާމު މަސާޖެއް ލިބޭ ކަހަލަ އެވެ. ހިނދުގަނޑެއް ވަންދެން ޖަކޫޒީ ތެރޭގައި އޭނާ އޮތެވެ.

އެންމެ ފުރަތަމަ ވެސް އޭނާ ޖަކޫޒީއަކަށް އެރުނީ އޭނާގެ ފިރިމީހާ ރާމިޒް އާ އެކުގަ އެވެ. އެހަ ނދާން ތަނަށް އައުމާ އެކު އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. ވަގުތުން އޭނާ ތެދުވި އެވެ. އަދި ފިޔާތޮށި ކުލައިގެ ފެން ހިއްކާ ހެދުން ލައިގެން ބޭރަށް ނިކުތެވެ. އޭނާގެ ސިކުޑި ކުއްލިއަކަށް ހާސްވީ ކީއްވެ ބާވަ އެވެ؟ ރާމިޒްގެ ހަނދާންތަކުން ގިނަ ފަހަރަށް އޭނާ ހިތްދަތިކަން އިހްސާސްވެ އެވެ.
ބައެއް ފަހަރަށް ރާމިޒް އޭނާއަށް ލޯބި ދިން ގޮތަށް އެހެން މީހަކަށް އޭނާ އަށް ލޯބި ނުދެވިދާނެއޭ އޭނާ އަށް ހީވެ އެވެ.

ހީނާ އާދައިގެ ގޮތަކަށް ތައްޔާރު ވެލިއެވެ. ވަރަށް ފަނޑުކޮށް މޭކަޕް ވެސް ކޮށްލި އެވެ. އަދި ލައިގެން ހުރި ޖިންސްގެ ޖީބަށް ލަންކާގެ އެއްހާސް ރުފިޔާ ވައްޓާލި އެވެ. އެހެންޏާ ވެސް އޭނާ ބޭރަށް ދާނީ ދަބަސް ހިފައިގެނެއް ނޫނެވެ. އެހެންވެ މިއަދު ވެސް ދަބަސް ނަގާފަ އޭނަ ދަބަސް މޭޒު މަތީ ބޭއްވި އެވެ. އަދި ވަރަށް އާދިގެ ގޮތަކަށް ބޭރަށް ނިކުތެވެ.

ދޮރު ތަޅުދަޑިޔަކީ ކާޑެކެވެ ކާޑު ގެންގޮސް އޭނާ ރިސެޕްޝަން އަށް ދިނުމަށް ފަހު ބޭރަށް ނިކުމެ ހިނގާލި އެވެ. ފޯނު ވެސް ނުލާ އާދެވުނުކަން ދެން އޭނަ ހަނދާންވި އެވެ. ފޯނު އޮތީ ވެސް ޗާޖަރަށް ޖަހާލާފަ އެވެ. އަޅާފައި ހުރި ކަޅު ކުލައިގެ އަވި އައިނުގެ ސަބަބުން ގިނަ މީހުންނަށް އޭނަ ނޭގޭނެކަން ހީނާ އަށް އެނގެ އެވެ.

މިހާރު ވެސް މަޑުމަޑުން ވާރޭގެ ތިކިތައް ފައިބަމުން ދިޔަ އެވެ. އެއިން ކޮންމެ ތިއްކެއް އޭނާގެ މޫނުގައި ޖެހިލާ އިރަށް ހީވަނީ އެއީ އޭނާ އަށް މަރުހަބާ ކިޔަމުން ދާ އެއްޗެއްހެންނެވެ. މަޑުމަޑުން މަންޒިލެއް ނެތް މުސާފިރެކޭ އެއް ގޮތަށް އޭނާ ހިލްޓަންގެ ކޮރިޑޯތެރޭން ހިނގަމުން ދިޔަ އެވެ.

އެއްވެސް މީހަކު އޭނާ އާ ދިމާއަށް ބަލާ ވެސް ނުލައެވެ. ނޫނީ އެއްވެސް މީހަކަށް އޭނާ ނުވެސް އެނގުނެވެ. އާދައިގެ އަންހެނެއް ހެން އޭނާ ހިނގަމުން ދިޔަ އެވެ. ވަރަށް އާ ފިހާރަތަކާ ބޭންކުތަށް އޭނާއަށް ފެނުނެވެ.
އަހަރުތަކެއް ފަހުން އޭނާގެ ފައިތިލަ ލަންކާގައި ޖެހުނީ އެވެ.

ހީނާ ބޭނުން ވަނީ ވީހާ ދުރަކަށް ހިނގާލާށެވެ. އެކަމަކު މިއަދު އޭނާގެ އުނަގަޑުގައި އަތް އަޅުވައިގެން ލޯތްބާ އެކު އޭނާ ގެންދާކަށް ރާމިޒެއް ނެތެވެ.

މިއަދު އޭނާ އެހެރީ އެކަނި މާއެކަންޏެވެ. އެކަމަކު މިއީ އޭނާގެ ނިންމުމެކެވެ. ވިއްސާރައިގައި ވެސް އޭނާ އަޅާފައިވާ ހެދުމުން ހޫނުކަން ލިއްބައި ދެ އެވެ. އަދި އޭނާގެ ރަބަރު ފައިވާނުން އޭނާގެ ފައިތިލަ އަށް ވެސް ހޫނުކަމެއް ލިބެމުން ދިޔަ އެވެ. ކޮރިޑޯއިން ބޭރަށް ނިކުމެފައި އޭނާ އުޑުމަތި ބަލާލިއެވެ. އަދި ފުން ނޭވާއެއްލި އެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.