Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

މި ސަރުކާރުން ސޯލާ ޕީވީ ނިޒާމުގެ ކެޕޭސިީޓީ ދެގުނަކޮށްފި

ހުޅުމާލޭގައި ސޯލާ ޕީވީ ނިޒާމު ޤާއިމު ކުރުމާށް ބޭއްވި ރަސްމީއްޔާތުގައި މިނިސްޓަރ ޝައުނާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

މި ސަރުކާރާއި ހަވާލުވި ފަހުން، މިހާތަނަށް ރާއްޖޭގެ ސޯލާ ޕީވީ ނިޒާމުގެ ކެޕޭސިޓީ ދެގުނަ ކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އެންވައިރޮމެންޓް އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭ ލިންކްރޯޑު ސަރަހައްދުގައި 5 މެގަ ވޯޓުގެ ސޯލާ ނިޒާމުގެ ޤާއިމް ކުރުމުގެ މަސައްކަތް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ރާއްޖޭގައި ޤާއިމް ކުރެވިފައިވަނީ އެންމެ 16.5 މެގަވޯޓުގެ ސޯލާ ޕީވީ ނިޒާމު ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު މި ސަރުކާރުން މިހާތަނަށް 36.5 މެގަވޯޓަށް ކެޕޭސިޓީ އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރެވޭ މަސައްކަތުން 60 މެގަވޯޓަށް ކެޕޭސިޓީ އުފުލޭނެ ކަމަށް ވިދާޅުވިއެވެ.

ޝައުނާގެ ވާހަކަފުޅުގައި ރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ވުމަށް އަމާޒު ހިފާފައިވާއިރު، ސަރުކާރުން ހަމައެކަނި މިހާރު ކުރެވޭ މަސައްކަތުން މި އާމާޒަށް ވާސިލް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވިގޮތުގައި މި އާމާޒަށް ވާސިލުވުމަށް ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މިހާރުވެސް ޕްރައިވެޓް ސެކްޓަރ ގައި މިދައިރާގެ އިންވެސްޓްމެންޓުތައް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ، ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ހޯދުމަށް ފުޅާ އިޤްތިޞާދެއް އޮތުން ލާޒިމު ނޫން ކަމަށް މިސަރުކާރުން ކުރެވުނު މަސައްކަތުން ދޭހަވެފައިވާ ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކް ފަދަ ޖަމާޢަތްތަކުން އިޔާދަ ކުރަނިވި ހަކަތައަށް ވަމުންދާ އެހީތެރިކަމަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ފެހި ކުރުމަށް ދަތުރު ފަތުރުގެ ނިޒާމު ޑީކަބަނައިޒް ކުރުމާއި، އިޔާދަ ކުރަނިވި ހަކަތައިގެ އިތުރު ބާވައްތަކަށް އިންވެސްޓްމެންޓް ޕްރައިވެޓް ސެކްޓަރގެ ތެރެއިން ހޯދަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ޤާއިމް ކުރާ ސޯލާ ނިޒާމަކީ އެއް މަޝްރޫޢުއެއްގެ ދަށުން ޤާއިމް ކުރާ މިފަދަ އެންމެ ބޮޑު ނިޒާމެވެ. އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.