Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

ގަވާއިދާ ހިލާފު ބިދޭސީންގެ މައުލޫމާތު ހޯދަނީ

އައްޑޫގައި އުޅޭ ބިދޭސީންތަކެއް މަސް ބާނަނީ. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް ޑިޕާރޓްމަންޓް އޮފް އިމިގްރެޝަން އެންޑް އެމިގްރޭޝަން ބުނެފި އެވެ.

އިމިގްރޭޝަންގެ އިސް ބޭފުޅަކު ވިދާޅުވީ މިއަދު މެންދުރު 1:00 އިން ފެށިގެން އައްޑޫގެ އެކި ސަރަހައްދުތަކުގައި ބިދޭސީން މަސައްކަތް ކުރަމުންދާ ސައިޓްތަކަށް ގޮސް އެމީހުންގެ މައުލޫމާތު އެއް ކުރުމުގެ މަަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު މި ނިކުންނަނީ ވަރަށް ބޮޑަށް ރާވާލައިގެން ބިދޭސީންނާއި ބެހޭ މައުލޫމާތު އެއްކޮށް ގަވާއިދާއި ހިލާފަށް ތިބި މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް، އެގޮތުން އެމީހުންނާއި ބެހޭ މައުލޫމާތު ހޯދާ، އެމީހުން ރާއްޖެއެތެރެ ކުރި ދިވެހި މީހާއާއި ބެހޭ މައުލޫމާތުވެސް ހޯދާނަން." އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ މިއަދު ފަށާ މަަސައްކަތް މެދު ނުކެޑި ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންގެ ފަރާތުން ލިބޭ މައުލޫމާތު ބެލުމަށްފަހު އެމީހުން ގަވާއިދަށް ފެއްތުމަށް މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ފުރަތަމަ ފަހަރު ފުރުސަތު މިދެނީ ގަވާއިދަށް ފައްތަން. އޭގެ ފަހުން ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ." އޭނާ ވިދާޅުވި އެެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާއި ހިލާފަށް ބޭރު މީހުން ލައްވާ މަަސައްކަތް ކުރުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިވެހި މީހާގެ ޕާސްޕޯޓް ހިފެހެއްޓުމާއި، ބޮޑު އަދަދުން ޖޫރިމަނާ ކުރުން ހިމެނޭ ކަމަށެވެ.

އައްޑޫގައި ގަވާއިދާ ހިލާފަށް ތިބި ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.