Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

އެއިޑްސް އާއި ހެޕަޓައިޓިސް ނައްތާލަން ގައުމީ ޕްލޭނެއް

ރާއްޖޭން 2030 ގެ ކުރިން އެއިޑްސް އާއި ހެޕަޓައިޓިސް އަދި ޖިންސީ ގުޅުންތަކުން އަރާ ބަލިތައް ނައްތާލަން ގައުމީ ފެންވަރުގެ ޕްލޭނެއް އިފްތިތާހުކޮށްފި އެވެ.

އެ ޕްލޭން އިފުތިތާހުކުރީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ގއ. އަތޮޅުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން، ވިލިނގިލީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަޖާއި ހެޕަޓައިޓިސް އަދި ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަން (އެސްޓީއައި) ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށް ދެއްވީ ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އެވެ. މިއީ ފަސް އަހަރުގެ ގައުމީ ޕްލޭނެކެވެ.

ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ޕްލޭނަކީ އެއިޑްސް، ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން އަރާ އެހެނިހެން ބަލިތައްވެސް، 2030ވަނަ އަހަރުގެ ކުރިން ރާއްޖޭން ނައްތާލުން ކަމަށެވެ. އެހެންވެ މިކަމަށް އޮތް އެންމެ މުހިންމު ކަމަކީ އާއްމުން ހޭލުންތެރިވެ، ދިރިއުޅުމުގެ ނޭދެވޭ އާދަތަކުން މުޖުތަމައު ދުރުހެލިވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެފަދަ ބަލިތަކުގެ ފަރުވާނެ ނިޒާމު މިހާރު ވެސް ރާއްޖޭގައި ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް ބަލިތަކުގެ ޓެސްޓުތައް ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން، ހެޕަޓައިޓިސްއަށް ޓެސްޓުކުރެވޭނެ ފަސޭހަ އިންތިޒާމް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުުވި އެވެ.

"މަސައްކަތްކޮށް ރާއްޖެއިން މި ބަލިތައް ނައްތާލެވޭނެކަމުގެ ޔަގީންކަން ޑަބްލިއުއެޗްއޯއިންވެސް ދޭ،" ނަސީމު ވިދާޅުވި އެވެ. "މީގެ ކުރިން ވެސް ރާއްޖެ އަކީ މިފަދަ އެކި ބަލިތައް ނައްތާލުމުގައި މުޅި ސަރަޙައްދުގައި ވެސް ނަމޫނާ ގައުމެއް."