މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ގޮތުން އައްޑޫގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒްކޮށްގެން ރޯޑް ސޭފްޓީ ޓްރެއިނިން ޕްރޮގްރާމެއް ހިންގައިފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރުމުގައި ފުލުހުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ޕްރޮގްރާމްގެ ބައިވެރިން އަހުލުވެރި ކުރުމުގެ އިތުރުން ޓްރެފިކު ކޮންޓްރޯލްކޮށް މެނޭޖު ކުރުމާއި ގުޅެގޮތުން މަޢުލޫމާތު ދީފައިވެ އެވެ.
އަދި ވެހިކަލް ޗެކް ޕޮއިންޓް ޖެހުމާއި ވެހިކަލް ޗެކު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން މަސައްކަތުގެ ޢަމަލީ ތަހުރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހޯދައި ދީފައިވެ އެވެ.
މީގެ އިތުރުން އެކްސިޑެންޓް ދިމާވުމުން އެކްސިޑެންޓް ސީން ރައްކާތެރިކޮށް ސީން ޕްރޮސެސް ކުރާނެ ގޮތާއި ފަސްޓް ރެސްޕޮންޑަރެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރަން ޖެހޭ ގޮތާއި ޓްރެފިކު ވައިލޭޝަން ސިސްޓަމް ބޭނުން ކުރާނެ ގޮތާއި ސިސްޓަމް ބޭނުން ކުރުމުގެ ޢަމަލީ ތަޖުރިބާ ވެސް ބައިވެރިންނަށް ހޯދައި ދީފައި ވެއެވެ.
އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް ގުޅިގެން ހިންގި މި ޕްރޮގްރާމްގައި އައްޑޫ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ 50 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެ އެވެ.
މި ޕްރޮގްރާމްގައި ކިޔަވައި ދެއްވީ ޓްރެފިކު ޕޮލިސް ރޯޑް ސޭފްޓީޔުނިޓުގައި މަސައްކަތް ކުރާ ޕޮލިސް ސްޓާފް ސާޖަންޓް އިސްމާޢީލް ޝަރީފު އާއި ޕޮލިސް ސާޖަންޓް ޢަލީ ސިމާމްގެ އިތުރުން ޕޮލިސް ސާޖަންޓް ޙުސައިން އަސްލަޙް އެވެ.
މި ޕްރޮގްރާމްގެ އިތުރުން ޓްރެފިކު ޕޮލިހުގެ ޓީމުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ޕޮލިހާއި ގުޅިގެން އައްޑޫ ސިޓީގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގާ ސަރަޙައްދުތައް ފާހަގަކޮށް އެ ސަރަޙައްދުތަކުގައި އެކްސިޑެންޓް ހިނގާ ސަބަބުންތައް ދެނެގަނެ، އެކްސިޑެންޓް ހިނގާ މިންވަރު މަދު ކުރުމަށްޓަކައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ސީޓީ ކައުންސިލާ ހިއްސާކޮށްފައިވެ އެވެ.
އަދި މި ޕްރޮގަރާމްގެ ދަށުން ހިތަދޫ ޝަރަފުއްދީނު ސްކޫލްގެ ކެޑޭޓް ކުދިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފައި ވެ އެވެ.