ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގަ ކުރިޔަށް ނުދާ ވާހަކައަކީ އައްޑޫ ރައްޔިތުން ކަންބޮޑުވުމާއި އެކު އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ.
ގިނަ ބަޔަކު ކަންބޮޑުވަނީ އެއާޕޯޓް ޕްރޮޖެކްޓަކީ 2013 ގެ ނިޔަލަށް މަސައްކަތް ނިންމާ ލެވޭގޮތަށް ރޭވި ޕްރޮޖެކްޓަކަށް ވީނަމަވެސް، މަސައްކަތުގެ ބޮޑު ބައި ނުނިމި ދިގުލައިގެން ދިއުމެވެ. މިހާތަނަށް މި ބިޔަ މަޝްރޫއު އިން ނިމިފައި ވަނީ ބިން ހިއްކުމުގް މަސަކަތް އެކަނިއެވެ.
ގަމުގެ ވައިގެ ބިން ހިއްކާ ނިންމުމަށް ފަހު މަސައްކަތް ކުރި ގަލްފް ކޮބްލާ ފުރައިގެން ގޮސްފައިވާ އިރު މަޑު މަޑު ދުވެލީގައި ހިއްކި ތަނުގެ ތޮށި ލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭއައިއޭއިން ވަނީ ބުނެފައެވެ. އެކަމަކު އެކަން ކުރަނީ "އަމާބުނިހެން ފަރަށްދާ" އުސޫލުންނެވެ.
ރަންވޭ ދިގުކުރުމަށް ހިއްކި ބިމުގެ ތެރެއިން ތޮށި ލުމުގެ މަސައްކަތް އަދި ފަށާފައިވަނީ ގަމުގެ އެންމެ ދެކުނު ފަޅިންނެވެ. ފޭދޫ އާއިވީ ފަރާތުން ތޮށިލުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އެނގޭ މީހަކު ނެތެވެ.
މުޅި ޕްރޮޖެކްޓް ލަސްވުމާއި ގުޅިފައިވަނީ ފައިސާއާއިއެވެ. އެކަމަކު އޭގެ ވާހަކަ ދައްކާކަށް ސަރުކާރުން ބޭނުމެއް ނޫނެވެ. އެކަމަށް ހައްލެއް ހޯދާކަށްވެސް ބޭނުމެއް ނޫނެވެ. ލަފާކުރެވޭ ގޮތުގައި މުޅި މަޝްރޫއުގެ ބާކީ ހުރި މަސައްކަތަށް މަދުވެގެން 40 މިލިއިން ޑޮލަރު ބޭނުންވެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް އެކުލަވާ ލެވިފައިއޮތީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެމަސައްކަތްކުރާ ގޮތަށެވެ. މާނައަކީ މި މަސައްކަތް ހަވާލު ކުރެވޭ ފަރާތުން އަމިއްލައަށް ފައިސާ ހޯދައިގެން މުޅި ޕްރޮކްޓު ނިންމުމުން، ވަކި މުއްދަތެއްގެ ތެރޭ އަގު އަދާކުރާ ގޮތަށެވެ.
ކޮންޓްރެކްޓާރ ފައިނޭންސް އުސޫލުން ގަން އެއަރޕޯޓް ގެ މަސައްކަތް ކުރުމަށް ހޮވުނީ އިގިރޭސި ވިލާތުގެ ލަގާން އެވެ. ނަމަވެސް ޕްރޮޖެކުޓަށް ބޭނުންވާނެ ކަމަށް ލަފާކުރެވުނު 50 މިލިއަން ޑޮލަރު ހޯދުމުގައި ލަގާން އަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ދިވެހި ސަރުކާރު ހިމެނިގެން ޔޫރަޕްގެ ބޭންކުތަކުން ފައިސާ ދޭން އުޒުރުވެރިވެއެވެ. ސަބަބަކީ ގަން ހިންގަން ހަވާލު ކުރެވިފައިވާ ކުންފުނި، އައްޑޫ އިންޓަރނޭނަލް އެއާޕޯޓް (އޭ.އައި.އޭ) އަކީ ދިވެހި ސަރުކާރުގެ %70 ހިއްސާ އޮވެ، ދިވެހި ސަރުކާރު ދަރަނި ވެރިވެފައިވާލެއް ބޮޑުކަމުންނެވެ.
ބޭންކުތަކާ ކުރެވުނު މަޝްވަރާ ތަކުން އެފަރާތް ތަކުން ލަފާ އެރުވާފައިވަނީ އޭ.އައި.އޭ ގެ ޝެއާރ ސްޓްރަކްޗަރ އަށް ބަދަލުގެނެސް ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރު %49 އަށް ތިރިކުރުމަށެވެ. ނުވަތަ އޭ.އައި.އޭ ގެ %30 ހިއްސާ އޮންނަ އަމިއްލަ ވިޔަފާރި ވެރިޔާ މުޅި ލޯނަށް ގެރެންޓީ ދިނުމެވެ.
މި ހިސާބުން ދެން ޖެހުނީ ގަން ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިން ރޭވިފައި އޮތްގޮތް ބަދަލު ކޮށް، ބިންހިއްކުމުގެ މަސައްކަތް ވަކި ފިޔަވައްސެއްގެ ގޮތުގަ ފަށައިގަތުމަށެވެ.
އޭ.އައި.އޭ ގެ ހިއްސާ މިހާރު އޮތީ، އެސް.ޓީ.އޯ %10 ، އެމް.އޭ.ސީ.އެލް %10، މިނިސްޓްރީ އޮފް ފިނޭންސް %50 އަދި ކާސާ ހޯލްޑިންގ %30 އެވެ. ކުރިން މި ކުންފުނީގެ ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ގޭން އިންޓަރނޭޝަނަލް އެއާރޯޓް ލިމިޓެޑް (ޖީ.އައި.އޭ.އެލް) ވަނީ އުވާލާ އެކުންފުނީގެ ނަމުގަ ހުރި ސަރުކާރުގެ ހިއްސާ ފިނޭންސް މިނިސްޓްރީ އަށް ބަދަލު ކޮށްފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރުން އެންމެ މުހިއްމު ކަމަކީ އޭ.އައި.އޭ ގެ އިތުރު ހިއްސާ ވިއްކުމެވެ.
ރައީސް ޑރ ވަހީދު ގެ ސަރުކާރަށް ވެސް މިވާހަކަ ހުށަހެޅުނެވެ. ނަމަވެސް ސަރުކާރުގެ ބަލިކަށިކަމާއި ސިޔާސީ ގޮތުން ކޯޅުން ބޮޑުކަމުން، އޭރު ވިއްކި %30 އަށްވުރެ އިތުރު ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާހާ ހިއްވަރެއް އެސަރުކާރަކު ނެތެވެ.
މިދިޔަމަހު ސިންގަޕޫރުގަ ބޭއްވި އިންވެސްޓރ ފޯރަމްގަ ގަމުގެ އެއާޕޯޓް ތަރައްގީ ކުރުމަށް މަޝަރޫއެއް ހިންގާ ކަމުގެ މައުލޫމާތު ދެވިފައި ނުވާތީ، ވަރަށްގިނަ އައްޑޫ ރައްޔިތުން ދަނީ އެވާހަކަ ދައްކަމުންނެވެ.
ބޭރުގެ އިންވެސްޓަރުން ނުގެނެސް އޭ.އައި.އޭ ގެ އިތުރު ހިއްސާ ވިއްކަން ބޭނުން ނަމަ އެ ހިއްސާ ގަންނާނެ ދިވެހި ވިޔަފާރިވެރިން އެބަތިބިކަން ޔަގީނެވެ.
އޭ.އައި.އޭ ގެ ޝެއާރ ސްޓްރަކްޗަރ ބަދަލުކޮށް މަދުވެގެން އިތުރު %21 ހިއްސާ ދިވެހި ވިޔަފާރިވެރިންނަށް ވިއްކުމަކީ މިއަދުގެ ސަރުކާރަށް ނުކުރެވޭވަރު ކަމެއް ނޫނެވެ.
ގއ. ކޫއްޑޫ އެއަރޕޯޓް ސިންގަޕޫރު ގެ ކިއޮންގ ހޮންގ ހޯލްޑިން ލިމިޓެޑްއަށް 25 އަހަރަށް ކުއްޔަށްދިނީ ދާދި ފަހުންނެވެ. 18 މަސްތެރޭގައި މިހާރު އޮތް 1200 މީޓަރު ރަންވޭ އަށް 600 މީޓަރު އިތުރުކޮށް ބިޒްނަސް ޖެޓް މަތިންދާބޯޓަށް ޚިދުމަތް ދެވޭވަރަށް ކޫއްޑޫ ތަރައްގީ ކުރުމަށް ސޮއިކުރި އެގްރީމެންޓުގަ ވާގޮތުން، އެކުންފުނީގެ ފަރާތުން ދިވެހިސަރުކާރަށް އަހަރަކު ކުލީގެ ގޮތުގަ ދައްކަންޖެހެނީ 24،000 (ސައުވީސް ހާސް) ޑޮލަރެވެ.
އަދި މިއެގްރީމެންޓާ އެކު ގއ.މާމުޓާ ކިޔާ ފަޅުރަށެއްވެސް ވަނީ އެފަރާތަށް،އަހަރަކު 1 މިލިއަން ޑޮލަރު ކުލީގެ ގޮތުގަ ކަޑައަޅާ، 50 އަހަރަށް ދީފައެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލުން ކިތަންމެ މަޝްރޫއެއް ރޭވި ކަމުގައި ވިޔަސް، ޔޫރަޕް އަދި ޗައިނާއިން ސިދާ ގަމަށް އުދުހުންތައް ނުފެށި އެފަދަކަމެއް ކާމިޔާބު ވުމަކީ ވަރަށް އުދަގޫ ކަމަކެވެ.
ރާއްޖޭގެ އެތެރޭ އުދުހުން ތަކުގެ އަގުތައް ހުރިގޮތުން ގަމާ މާލެއާ ދޭތެރޭގަ ބިދޭސީ އެއްގެ އަތުން 435 ޑޮލަރު ނަގައެވެ. މިއަގަކީ ގެސްޓްހައުސް އަދި އައްސޭރި ޓޫރިޒަމް ފަދަ ބަޖެޓް ޓޫރިޒަމް ކުރިޔަށް ގެންދެވޭނެ އަގުތަކެއް ނޫނެވެ.
ޔޫރަޕް އަދި ޗައިނާއިން ސިދާ ރާއްޖެ އަންނަ އުދުހުން ތަކުގަ މިހާރު އާންމު ކޮށް ބޭނުން ކުރަނީ ބޯއިން 777 ނުވަތަ އޭބަސް 330 މަރުކާގެ ބޯޓްތަކެވެ. މިބޯޓުތައް ގަމަށް ޖައްސަން ހުއްދަ ނޯވެއެވެ. ގަމަށް ޖައްސަން ހުއްދަ އޮންނަ ބޯއިން 767 ،757 ގެ ބޯޓުތައް މިހާރު ގިނަ އެއާލައިން ތަކުން އުދުހުންތަކުގަ ބޭނުން ނުކުރެއެވެ.
ގަމުގެ އެއާޕޯޓް ނިމެން ވާއިރަށް އެކަށީގެންވާ ވަރަށް އެނދު އިތުރު ކުރެވޭނެތޯ ސުވާލު ކޮށްފާނެއެވެ. މީގެ ޖަވާބުގައި ދަންނަވަން އޮތީ، ގަން އެއާޕޯޓް މަޝަރޫއު ކުރިޔަށްދާ ގޮތް ބަލަން އައްޑުއަށް ނިސްބަތްވާ ވަރަށް ގިނަބަޔަކު އެބަތިއްބެވެ.
ކިރިޔާވެސް ޔަގީންކަމެއް ލިބޭއިރަށް ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގަ އިންވެސްޓް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.
އޭ.އައި.އޭ ގަ އަމިއްލަ ވިޔަފާރި ވެރިންގެ ހިއްސާ މަދުވެގެން %51 އަށް އިތުރު ކޮށްފިނަމަ، ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމުގަ ދިމާވި އެންމެ ބޮޑު ހުރަސް ގިރާ ކުރެވުނީއެވެ. އެއާ އެކު ސަރުކާރު ބޮލުގަ އަޅަންޖެހޭ ދަރަނީގެ އަދަދުވެސް ކުޑަވީއެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާ ވެގެންދާނެވެ.
މިއަދާހަމައަށް ވެސް އޭ.އައި.އޭ އަށް ކަޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރަކު ނެތެވެ. ކުންފުނީގެ ބޯޑު ގައި ޗެއާމަނަކު ނެތެވެ އަދި ބޯޑު ވަނީ މުޅިން އެކުލަވާ ނުލެވިއެވެ. މިކަންކަމަށް ހައްލެއް އޮތީ ސަރުކާރުން އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދީގެންނެވެ.
އެކަމަކު "ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ނެތް" ކަމަށް ބުނެ އައްޑޫ ރައްޔިތުން އޮޅުވާލައިގެން އަބަދަކު ނުތިބެވޭނެ ކަންވެސް ސަރުކާރުން ވިސްނަންވާނެއެވެ.
އެއާޕޯޓް މަޝްރޫއު އަވަސް ދުވެލީގައި ކުރިއަށް ގެންދަން ބޭނުން ނަމަ މުޅި ކުންފުނީގެ ޝެއާ ސްޓަރަކްޗާ ބަދަލުކޮށް، ކުންފުނީގެ ބޯޑަށް ހަރުދަނާ މީހުން އައްޔަން ކުރަން އެބަޖެހެއެވެ. މާލޭގައި އޮފީހެއް ހަދައިގެން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަކަށް ބަހައްޓައިގެން "އަޅުގަނޑަށް އަދި ތި މައުލޫމާތު ލިބިފައި ނެތް" ކަމަށް ވިދާޅުވާން ދޫކޮށްލައިގެން އައްޑޫ ރައްޔިތުންގެ ހުވަފެނުގައި ކުލަ ޖެއްސޭކަށް ނެތެވެ.
ނޯޓް: މިއީ އަޅުގަނޑުމެންގެ ކިއުންތެރިއަކު ފޮނުއްވާފައިވާ ލިއުމެއް. "އައްޑޫލައިވް"އިން އަބަދުވެސް މިފަދަ ލިއުންތަކަށް މަރުހަބާ ކިޔަމެވެ. (ލިއުނީ: އިބްރާހިމް ހަމީދު)