ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާ އިން ނުވަ މަރުހަލާއަކަށް ބަހާލައިގެން ބޭއްވި އިންތިހާބު އިދިކޮޅު ބާރަތިއާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބުކޮށް، އެ ޕާޓީގެ ކެންޑިޑޭޓް ނަރެންދުރަ މޯޑީ ވަނީ އިންޑިއާގެ ބޮޑު ވަޒީރުގެ މަގާމު މިހާރު ކަށަވަރުކޮށްފަ އެވެ.
މި ބަދަލާ އެކު ޒަމާންވީ ގާންދީ އާއިލާ ކޮންގްރެސް ޕާޓީގެ ވެރިކަން މިހާރު މި ވަނީ ނިމުމަކަަށް އައިސްފަ އެވެ. މިއީ ބައެއް ފަރާތްތަކަށް ވަރަށް ޝައުގުވެރި ބަދަލަކަށް ވެދާނެ އެވެ.
ހަމަ މިއާ އެކު ޝައުގުވެރިކަން ގޮސްފައިވާ އަނެއް ދިމާއަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކްސަބާ ތަމްސީލް ކުރާނެ މެމްބަރުންނެވެ. މީގެ ތެރޭގައި މި ފަހަރު އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ހިމެނެ އެވެ. '
އިންތިހާބުގައި ގިނަ އަދަދެއްގެ ފިލްމީ ފަންނާނުން ވާދަކޮށް، ބައެއް ފަންނާނުން ވަނީ އެ މީހުން ވާދަ ކުރި ދާއިރާތައް ކާމިޔާބު ވެސްކޮށްފަ އެެވެ.
އެއީ ކޮންކޮން ފަންނާނުންނެއްތޯ ބަލާލަމާ ހިނގާށެވެ.
ފިލްމުތަކުގައި ހެއްވާ މަޖާ ރޯލްތަކުގެ އިތުރަށް ސީރިއަސް ރޯލްތަކުން ވެސް ފެންނަ ޕަރޭޝް ރާވަލް ވަނީ އޭނާ ވާދަ ކުރި ދާއިރާ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. އެއީ ގުޖުރާތުގެ އަހުމަދުއާބާދުގެ އީސްޓް ދާއިރާ އެވެ.
"ޑްރީމް ގާލް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ކުރީގެ ބަތަލާ ހެމާ މާލިނީއަކީ ކުރިން ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން އަދާ ކުރި ތަރިއެކެވެ. އޭނާ މި ފަހަރު ވާދަކޮށް ކާމިޔާބު ކުރީ އުއްތަރު ޕްރަދޭޝްގެ މަތޫރާ ދާއިރާ އަށެވެ. އޭނާ ވާދަ ކުރީ ބީޖޭޕީގެ ޓިކެޓްގަ އެވެ.
ހަމަ މިއާ އެކު ބީޖޭޕީގެ ޓިކެޓްގައި އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުން އަދި ކުޅަދާނަ ބަތަލާ ކިރަން ކޭރް ވަނީ ޗަންދީގަރް ދާއިރާ ކާމިޔާބުކޮށްފަ އެވެ. އޭނާ އެ ދާއިރާ ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓް އަދި ކުރީގެ ރެއިލްވޭ މިސްޓަރު ޕަވަން ކުމާރު ބަންސާލް އާއި އާމް އާދްމީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރި ބަތަލާ ގުލް ޕަނަން ބަލި ކުރުމަށް ފަހު އެވެ.
މީގެ އިތުރުން ކުރީގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ޝަތުރަގަން ސިންހާ އާއި ވިނޯދް ކަންނާ ވެސް ވަނީ ވާދަ ކުރި ދާއިރާތައް ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން ވެސް ކެބިނެޓް މިނިސްޓަރުކަމާއި މެމްބަރުކަން ކޮށްފައިވާ މި ދެ ތަރިންނަށް ބަލާ އިރު ސަތަރޭ ކާމިޔާބު ކުރީ ޕަޓްނާ ސާހިބް ދާއިރާ އެވެ. އެއީ ބީޖޭޕީގެ ޓިކެޓްގަ އެވެ.
ވިނޯދް ކަންނާ ކާމިޔާބު ކުރީ ގުރުދަސްޕޫރު ދާއިރާ އެވެ. އެ ވެސް ބީޖޭޕީގެ ޓިކެޓްގަ އެވެ.
ލޮކް ސަބާގެ ގޮނޑި ކާމިޔާބު ކުރި އިތުރު ތަރިންނަށް ބަލާ އިރު، ލަވަ ކިއުންތެރިޔާ ބާބުލް ސުޕްރިއޯ އާއި ބޯޖްޕޫރީ ފިލްމީ ތަރި މަނޯޖް ތިވާރީ ހިމެނެ އެވެ.
ބާބުލް ކާމިޔާބު ކުރީ ބީޖޭޕީގެ ޓިކެޓްގައި ވެސްޓް ބެންގާލްގެ އަސަންސޯލް ޑިސްޓްރިކްޓެވެ. މަނޯޖް ކާމިޔާބު ކުރީ ބީޖޭޕީގެ ޓިކެޓްގައި ދިއްލީގެ ނޯތު އީސްޓް ދާއިރާ އެވެ.
އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި އިތުރު ފަންނާނުންނަށް ބަލާ އިރު، "ކިއުންކީ ސާސް ބީ ކަބީ ބަހޫތީ" ސިލްސިލާގައި "ތުލްސީ"ގެ ރޯލް އަދާ ކުރީ ސްމިރިތީ އިރާނީ އާއި ކުރީގެ ބަތަލާ ނަގްމާ އާއި ރަވީ ކިޝަން އާއި "ޑްރާމާ ކްއީން" ރާކީ ސާވަންތާއި ރާޖް ބައްބަރާއި ކުރީގެ ބަތަލާ މޫންމޫން ސެން، އެކްޓަރު އަދި ޑައިރެކްޓަރު މަހޭޝް މަންޖޭކަރްގެ އިތުރުން މަޝްހޫރު ލަވަ ކިއުންތެރިޔާ ބައްޕީ ލެހެރީ އަދި "ރާޖްނީތީ" އާއި "އާރަކްޝަން" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޕްރަކާޝް ޖާ ހިމެނެ އެވެ.