ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ނިއު ޒީލެންޑުން އަޅަމުން އަންނަ ފިޔަވަތަކާ އެކީ އަނެއްކާ ވެސް އިންގިލާބީ ބަދަލަކަށް ތައްޔާރުވެއްޖެ އެވެ.
އިއްޔެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ދުންފަތާ ދެކޮޅަށް ފާސްކުރި "ސްމޯކް ފްރީ އެންވަޔަރަމަންޓް ބިލް" އާ އެކީ ކުރިއަށް އޮތީ ނިއު ޒީލެންޑުން ސިނގިރެޓްގެ ވިޔަފާރި އެއްކޮށް ހުއްޓުމަކަށް އަންނާނެ ވަރުގެ ގާނޫނަކަށް މަގުފަހުކޮށް ދީފަ އެވެ. މި ބިލް ގާނޫނަކަށްވެ، އަންނަ އަހަރު ރަސްމީކޮށް އެ އަމަލުކުރަން ފެށުމާ އެކީ ނިއު ޒީލެންޑްގައި 2008 ގައި އުފަންވި މީހުންނަށް ސިނގިރެޓް ވިއްކުން މަނާވާނެ އެވެ. މީގެ ނަތީޖާއަކަށް ވާނީ އަހަރުން އަހަރަށް ދުންފަތާ ދުރުވާ މީހުން އިތުރުވަމުން ދިއުމެވެ.
އެގޮތުން މިސާލަކަށް 2050 އާ ހަމައަށް އަންނަ އިރު، ގައުމުގެ އާބާދީ ބޮޑު ޕަސެންޓޭޖަކީ ދުންފަތުގެ މުއަމާލާތް ހިންގާ ވަރަށް ވުރެ ޒުވާން އާބާދީއަކަށް ވާނެ އެވެ.
What a milestone! Changes to smokefree legislation are game-changing and have been decades in the making. Our next generation won't experience the harms of tobacco thanks to these tireless advocates. @hapaitehauora @ASPIRE2025 @otago @NZCancerSo @hapai_tc @hapai_tc pic.twitter.com/0f1fOnmXl3
— Health Coalition Aotearoa (@HealthCoA) December 13, 2022
ނިއު ޒީލެންޑުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި މިހާރު އެންމެ އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑރ. އައިޝާ ވިރާލެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާ ދެބޭންގެ ދެދަރި، އައިޝާ ވިދާޅުވީ ނިއު ޒީލެންޑްގެ އާބާދީ ދުންފަތާ ދުރުކުރަން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވެ، މީހުންގެ އުމުރު ވެސް ދިގުވުމެވެ.
"މީގެ ސަބަބުން ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކުރާ ހޭދަ ވެސް އެތައް ގުނަ ކުޑަވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.
ނިއު ޒީލެންޑަކީ މިހާރު ވެސް ދުންފަތާ ދުރުވާ މީހުންގެ ނިސްބަތް ގިނަ ގައުމެކެވެ. މިދިޔަ އަހަރު އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތަކީ 9.4 ޕަސެންޓް ކަމަށް ވިޔަސް މިދިޔަ މަސް ނިމުނު އިރު، އެ ނިސްބަތް ވަނީ 8 ޕަސެންޓަށް ދަށްވެފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާ ގާނޫނާ އެކީ 2025 އާ ހަމައަށް އަންނަ އިރު، ނިއު ޒީލެންޑްގައި ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ 5 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.