އިންސާނުންގެ އަމަލުތަކުން ޤުދުރަތީ ނިޒާމްތައް ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.
އެގޮތުން ރާއްޖެއަކީ "ޕޮލިޓިކަލް ވިޝަން: ދި 10 ޕޮއިންޓް ޕްލޭން ފޯ ފައިނޭންސިން ބަޔޯޑައިވާސިޓީ"ގެ ފައުންޑިން މެމްބަރެއް ކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަކީ، ދިރުންތައް ނެތިދިޔުމާއި، ވައިފެން ތަޣައްޔަރުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޤައުމުތައް ކަމަށެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޖަޒީރާ ޤައުމުތަކަކީ، ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމުތަކަށް ވުމުން، ލިބިފައިވާ މުއްސަނދިކަމަކީ، ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ކަމަށެވެ. އަދި ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުލަވާލައި ނިންމުމަށް މަސައްކަތް ކުރެވެމުންދާއިރު، ދިރުންތައް ނެތިދިޔުމާއި، ލިބޭގެއްލުންތައް ހުއްޓުވައި، ނުވަތަ އިއާދަ ކުރުމަށްޓަކައި، އަމަލީގޮތުން ކުރެވޭނެ ކަންކަމާއި ވަސީލަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައިސް ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ޤުދުރަތީ ނިޒާމްތައް ހަލާކުވެ، ދިރުންތައް މުޅިން ނެތި ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔަވީ އިންތަކާއި، މިންގަނޑުތަކުގައި ދެމި ތިބުމަށާއި، އަދި ޤުދުރަތީ ނިޒާމްތަކާއި ފުށުނާރާނެ ގޮތެއްގެ މަތިން ދިރިއުޅުން ކުރިޔަށް ގެންދިޔުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.