Last Updated: November 24, 10:09
Sunday, November 24, 2024
ރިޕޯޓް

ނޫސްވެރިކަން: ނިމުމެއް ނެތް ހަނގުރާމައެއް

އަޅުގަނޑަކީ ނޫސްވެރިއެއް ނޫނެވެ. ނަމަވެސް ބޭއިންސާފުން ކުރެވޭ ކަންކަމާ ދެކޮޅަށް ވަކާލާތުކުރުމުގެ ގޮތުން ލިޔަން ފެށީ އެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އަނިޔާވެރިކަން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ގަދަފަދަވެ، އެވެރިކަމުގެ 25 ވަނަ އަހަރުގެ ފަހުކޮޅު އަނިޔާވެރިކަން އިންތިހާ އަށް ބޮޑުވެ، އެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި އެކި ގޮތްގޮތައް ދިވެހި ރައްޔިތުން ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި، އަޅުގަނޑަށް ވެސް ކުރެވުނު ކަމެއް ކުރުމުގެ ނިޔަތުގައި ދިވެހި އޮބްޒާވާރަށް ލިޔަން ފެށީމެވެ. އަދި ދެން ވެސް އިސްލާހަށް މަސައްކަތް ކުރި އެކި ފަރާތްތަކުން ހިންގަމުން ގެންދިޔަ ސައިޓްތަކަށް ލިޔަން ފެށީމެވެ.

"އައްޑޫ ހަސަން" އާއި ދެން ވެސް އެކި ތަފާތު ނަން ނަމުގައި ލިޔަމުން ދިޔަ ނަމަވެސް ދޭތެރެ ދޭތެރެއިން ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދޭން ޖެހުނެވެ.

އަނދިރީގައި ފޮރުވިގެން ހުރެ އަނިޔާވެރިކަމާ ދެކޮޅަށް ލިޔަން ޖެހުމަކީ ވެސް އަނިޔާއެކެވެ. އެެހެންކަމުން 2007 ވަނަ އަހަރު އަމިއްލަ ނަމުގައި ބްލޮގެއް ހަދައިގެން ލިޔަން ފެށީމެވެ. ފުރަމަތަމަ ޕޯސްޓްކުރި ލިޔުމާ ގުޅިގެން ވެސް އިންޒާރުތަކާ ކުރިމަތިވިއެވެ. އަދި އަޅުގަނޑުގެ ލިޔުންވެގެން ދިޔައީ އަޅުގަނޑުގެ ފުރަތަމަ ޕްރިންސިޕަލަށް އެއްގޮތަކަށް ވެސް ކަމުނުދިޔަ އެއްޗަކަށެވެ.

ސިވިލް ސާވިސްގެ ރައީސްކަމުގައި ހުރެމެ، އަޅުގަނޑު ކަހަލަ އާދައިގެ މީހަކަށް ފޯނުންގުޅާ ބައި ގަޑިއިރެއްހާ ވަންދެން ލިޔުން ކަމުނުދާ ވާހަކަ އާއި އެ ލިޔުން ނެގުމަށް އެދި ވާހަކަ ދެއްކީމާ ދެން އެ ލިޔުން ކަމުދާނެ ވެރިޔަކު ނުހުންނާނެކަން ކަށަވަރުވިއެވެ.

ރިސޯޓުގައި ގާތްގަނޑަކަށް 16 އަހަރު ވަންދެން މަސައްކަތު އުޅުމަށް ފަހު، 2007 ވަނަ އަހަރުގެ ފަހުކޮޅު އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓަށް ބަދަލުވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ.

ހެރަތެރޭގައި ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްވަރަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި އެންމެ ގަދަވެގެން ދިޔަ ދުވަސްވަރެވެ.

ކެމްޕޭނަށްޓަކައި، ސިޔާސީ ވެރީން ނުކުރާކަށް ކަމެއް ނެތެވެ. ނުވާކަށް ވައުދެއް ނެތެވެ. މި ހަލަބޮލި ކަމުގެ ތެރޭގައި
"މީދޫ ވީކްލީ" ގެ ނަމުގައި ނޫހެއް ލިޔަން ފެށީ ރިސޯޓްގައި އެއްކޮށް އުޅުނު އެކުވެރިންގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. މިކަން ވެސް ވީ ނުރައްކާތެރި ކަމަކަށެވެ. ރިސޯޓް މެނޭޖްމަންޓުން، ނޫސް ޝާއިއު ކުރަމުން ދިޔަ ބްލޮގް ހުއްޓުވާލި އެވެ. އޭރުގެ ސަރުކާރުގެ ވެރިންނަށް ކަމުނުދިޔައީ އެވެ.

"މީދޫ ވީކްލީ" ހުއްޓާލުމަށް ފަހު، ދެން މަސައްކަތްކުރީ "މީދޫލައިވް.ކޮމް" ގެ ނަމުގައި ވެބްސައިޓެއް ހަދައިގެންނެވެ. ވަޠަން އެދިގެން އިންތިޚާބު ކުރި ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެއްމެ ބޮޑަށް ވަކާލާތުކުރި މީހުންގެ ސަރުކާރު ކަމަށްވު އެކު، އުއްމީދު ކުރެވުނީ ދެން ދުވަހަކު ވެސް މިފަދަ ލިޔުމެއް (މި އަތޮޅުގައިވާ ގުދުރަތީ ވަޞީލަތްތަކުން ނަފާ ހޯދުމުގެ ހައްޤު މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންވެ އެވެ.) ލިޔެގެން މިނިސްޓަރެއްގެ ކުރިމަށްޗަށް ހާޒިރުކޮށް، ލިޔުން ނެގުމަށް އަންގާނެ ދުވަހެއް ނުފެންނާނެ ކަމަށެވެ.

ނަމަވެސް ކަންތައްވީ އެހެނަކުން ނޫނެވެ. ބޭއިންސާފުން ކުރެވޭ ކަންތައްތަކުގެ ކުރިމަތީގައި ފަހަތަށް ޖެހުމަކީ ވެސް ބޭއިންސާފެކެވެ. އެހެންކަމުން، އަޅުގަނޑު އެލިޔުން ނުނެގީމެވެ. މިއަދު ވެސް އެހެރީ އެއްމެނަށް ފެންނާށެވެ.

ނޫސް ލިޔުމަކީ ނުރައްކާތެރި ކަމެކެވެ. ގިނަ މީހުން ހީކުރާ ގޮތުގައި، މިކަހަލަ ކުޑަ ރަށެއްގައި ނޫސްލިޔާ މީހަކަށް މާބޮޑު ނުރައްކަލެއް ނޯންނާނެ އެވެ. ނަމަވެސް އެއި ކުށް ހީއެކެވެ. މާލޭގައި ހިންގާ ހުރިހާ ކޮރަޕްޝަނެއް މިތާނގައި ވެސް ހިންގަ އެވެ. ތަފާތަކީ ހަމައެކަނި ޖީބަށް އަޅާލާ މިންވަރު ތަފާތުވުމެވެ.

އިޖްތިމާޢީ ކޮރަޕްޝަން (ޢާއްމުކޮށް ކަމެއް ހިންގުމަށް ހަމަޖައްސާފައިވާ ޢުޞޫލާއި ޚިލާފަށް ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ފައިދާއެއް ނުވަތަ ފަސޭހައެއް ވާގޮތައް ކުރާކަންތައްތައް) ތަކާއި، ސިޔާސީ ކޮރަޕްޝަން (މަޤާމުތަކުގައި ތިބޭ މީހުން އަމިއްލަ ފައިދާއަށާއި، މަޤާމުގައި ދެމިތިބުމަށް، ނުވަތަ މަޤާމަކަށް އައުމަށް ފައިސާ އާއި، މަޤާމުގެ ބޭނުންކޮށްގެން ހިންގާ ނަހަމަ ކަންތައްތައް) ތައް ހާމަކޮށް ލިޔުމަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. މިފަދަ ރިޕޯޓްތަކާއި ލިޔުންތައް "މީދޫ ލައިވް" ގައި ޝާއިއު ކުރުމާ ގުޅިގެން މަރުގެ އިންޒާރުތައް ލިބެމުން ދިޔަ އެވެ.

މި ހުރިހާ ކަމަކުން އަޅުގަނޑަށް ތަޖުރިބާވީ އެންމެ ކަމެކެވެ. ނޫސްވެރިކަމަކީ ނިމުމެއް ނެތް ހަނގުރާމައެކެވެ. ނޫސްވެރިންނަށް އަމާޒުވާ ކޮންމެ ހަމަލާއެއް އުފައްދަނީ ސިޔާސީ ވެރިންނެވެ. ނޫސްވެރިންގެ ދިފާއުގައި ވަކާލާތު ކުރާނީ ވެސް އެ މީހުންނެވެ.

DFDRES-2

ނޯޓް: މިއީ އައްޑޫ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު އޭނާގެ އަމިއްލަ ބްލޮގް "ވެލްކަމް ޓް ޝާހިދު ލައިވް" ގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ.