Last Updated: December 22, 10:04
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ޕްރައިމަރީ އަށް ހުޅުވާލި ގޮތާ މެދު އާޒިމްގެ ނުރުހުން

މެންބަރު އަލީ އާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް އިއުލާނު ކުރި ގޮތާމެދު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައެވެ. އެމްޑީޕީން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރައިމަރީއަށް އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތި ލައްވާނެކަން އިއުލާނު ކުރައްވާފައިވަނިކޮށް، އެމަނިކުފާނު ރަށުގައި ވަޑައިގެންނޫޅުއްވަނީސް ޕްރައިމަރީއަށް ކުރިމަތިލުމަށް ދިނީ އެންމެ 5 ދުވަހުގެ މުއްދަތެއް ކަމަށެވެ.

"ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަގަޅެއް ނުވާނެ." އަލީ އާޒިމްގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވާފައިވާއިރު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

އެންމެފަހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދާ ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.