Last Updated: April 22, 16:56
Tuesday, April 22, 2025
ޚަބަރު

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުން ބަލައިފި

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.

އުފަން ރަށުގެ އެ މަސައްކަތް ފައިސަލް ބައްލަވައިލެއްވީ އެ މަނިކުފާނު އެ ސިޓީ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފައިސަލް ބުރާސްފަތި ދުވަހު އައްޑު އަށް ވަޑައިގްނެވުމަށް ފަހު ފުވައްމުލަކަށް ވަޑައިގެންނެވީ ހަމަ އެ ދުވަހު އެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އިއްޔެ ބައްލަވާލައްވައި އެ މަސައްކަތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާފައިވެ އެވެ. މިއީ 300 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ. އެގޮތުން ފުވައްމުލަކުގައި 2،650 މީޓަރުގެ ސީވޯލްއެއް ގާއިމްކުރާނެ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑެންމާކްގެ އެމްޓީ ހޯގާޑާ އެވެ.

ފައިސަލް ވިދާޅުވީ މިއީ ފުވައްމުލަކު ރައްޔިތުންނަށް މުހިއްމު އަދި އެތައް ޒަމާނެއް ވަންދެން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެ މަޝްރޫޢެއް ކަމަށެވެ.

"ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް މި ސަރަހައްދުގައި ހައިވޭއެއް ވެސް ހައްދަވައި ދެއްވާނެ ކަމަށް. އެއީ ވެސް އިތުރު ކުރިއެރުމެއް. ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑަށް ހީވަނީ މިއާ އެކީ ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެހެން. މިއީ ފުވައްމުލަކުގެ ތާރީހުގައި ފުވައްމުލަކު ރައްޔިތުންނަށް، ފުވައްމުލަކަށް ކޮށްދެވޭ ބޮޑު ކަމަކަށް ވާނެ."

ނައިބު ރައީސް ފުވައްމުލަކު ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވަނަ ހަމަޖެހިފައި ވަނީ މާދަމަ އެވެ.