Last Updated: April 22, 16:56
Tuesday, April 22, 2025
ޚަބަރު

ކުނި މެނޭޖުކުރުމުގެ ބިލު ވުޖޫދަށް، ކޮތަޅުން ފީ ނެގޭނީ 4 މަސް ފަހުން

ރައީސް ސޯލިހް ތިލަފުށީގައި- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ކުނި މެނޭޖުކުރުމުގެ ބިލު މިއަދު ތަސްދީގު ކޮށްފައިވާއިރު، މި ގާނޫނަށް ގިނަބައެއްގެ ސަމާލުކަން ވަނީ އަމާޒުވެފައެވެ.

އެގޮތުން މިޤާނޫނުގެ ދަށުން ކަސްޓަމަރަކަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަންޖެހެއެވެ. ޤާނޫނުގައި ބުނެފައިވަނީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ލާޒިމުވާނީ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ކަމަށެވެ.

"ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މި ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފީ ނެގުން، މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމުވާނެއެވެ." ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައިވެއެވެ.

މި ޤާނޫނުގައި ބުނެފައިވަނީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، މީރާއަށް ދެއްކުން ލާޒިމުވެގެންވާ ކަމަށެވެ.

މި ޤާނޫނުގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރެވޭނެއެވެ. އެގޮތުން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާއެކު ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ މި ޤާނޫނު ދީފައިވެއެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ މި ބައި އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާނެކަން ހާމަކޮށްފައެވެ.

މި ޤާނޫނުގެ ދަށުން ޞިނާއީ ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ހަދަންޖެހޭ ފަރާތަކުން އެފަދަ ޕްލޭނެއް ހަދާފައި ނުވާނަމަ، -/50000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖުރިމަނާ ކުރެވޭނެއެވެ. އަދި މައުލޫމާތު ދިނުމަށް އަންގާ އެންގުމަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ -/5,000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެއެވެ. އަދި ޤާނޫނާ ހިލާފަށް ރާއްޖެއަށް ކުޑި އެތެރެކޮށްފިނަމަ ނުވަތަ ނުރައްކާތެރި ކުނި ރާއްޖެއިން ބޭރުކޮށްފިނަމަ 5 މިލިއަން ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.