ސ. ހިތަދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ 100 އެނދުގެ އާ ހޮސްޕިޓަލް އަޅާނެ ބިމެއްގެ މައްސަލަ ވަކި ގޮތަކަށް ނިމޭނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް އެއްތަންވެ މަޝްވަރާ ކުރެވި އެކަމާ ގުޅެ ގޮތުން ކަނޑައެޅިގެން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ޓީމެއް މާލެ ވަޑައިގެން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަބްދުﷲ ރިޔާޒާ ވެސް މި މައްސަލާގައި އިއްޔެ ވަނީ މަޝްވަރާކުރައްވައިފަ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެ ދެ ބޭފުޅުންނާ ކައުންސިލުން މަޝްވަރާކު ރީ ހިތަދޫގައި އިމާރާތްކުރާ 100 އެނދުގެ އާ ހޮސްޕިޓަލް، ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމުގައި އެޅުމުގެ ވިސްނުންތަކެއް ހުރުމާ ގުޅިގެންނެވެ.
ޕޮލިސް ޓްރޭނިން ސްކޫލް ވަނީ ފެބްރުއަރީ ،8 2012 ގައި އައްޑޫގައި ހިނގައި ދިޔަ ހަމަނުޖެހުންތަކެއްގައި ރޯކޮށް އަންދާލައިފަ އެވެ.
އޭގެ ފަހުން ކައުންސިލުން ބުނެފައި ވަނީ އެ ބިމުގައި ހޮސްޕިޓަލް އެޅުމާ ބެހޭ ގޮތުން ފުލުހުން ކައުންސިލާ މަޝްވަރާކޮށް، އެ ބިމުގައި ހޮސްޕިޓަލް އެޅިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން ބުނެފައިވަނީ ބިމާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވުނު ކަމަށާއި ވަކި ގޮތެއް މިހާތަނަށް ނިމިފައިނުވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ހޯމް މިނިސްޓަރާއި ކޮމިޝަނަރާ އެކު ބޭއްވި ބައްދަލުވުމުގައި ހޮސްޕިޓަލްގެ މުހިއްމުކަން އެ ބޭފުޅުން ވެސް ފާހަގަކުރެއްވި ކަމަށެވެ.
"ހަމަ އެއާ އެކު އެ ބޭފުޅުން ފާހަގަކުރެއްވި ޕޮލިސް ޓްރޭނިން ސްކޫލް އަނދައިގެން ދިޔަ ނަމަވެސް އެ ތަނުގައި އަދި ބޭނުންކުރެވޭ ގޮތަށް ބައެއް އިމާރާތްތައް ހުރިކަން. އަދި ޓްރޭނިން ސްކޫލް ހިންގުމަށް ބޮޑު ބިމެއް މުހިއްމުވާކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި،" ސޯދިގު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެން ވެސް ފާހަގަކުރިން ހޮސްޕިޓަލް ވެސް އާންމުންނަށް ފަސޭހަ އިން ދަތުރުކޮށް ހިދުމަތް ހޯދަން އާދެވޭނެ ކަހަލަ ތަނެއްގައި ހުރުމުގެ މުހިއްމުކަން. އެގޮތުން ބަލާއިރު ޓްރޭނިން ސްކޫލް ހުރި ބިމަކީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާ އިރު، ހޮސްޕިޓަލް އަޅަން ވަރަށް އެކަށީގެންވާ ބިމެއްގެ ގޮތުގައި ކައުންސިލަށް ފާހަގަކުރެވިފައި އޮތީ. އެހެންވެ އެކަމާ ބެހޭ ގޮތުން އެ ދެ ބޭފުޅުންނާ އަޅުގަނޑުމެން މާލެ ގޮސް މަޝްވަރާކުރީ."
ސޯބެ ވިދާޅުވީ ޑރ. ޖަމީލާއި ސީޕީ އެކު ބޭއްވި ބައްދަލުވުމުގައި ބިމުގެ މައްސަލާގައި ވަކި ގޮތެއް ހަމަނުޖެހޭ ކަމަށެވެ. އަދި ބިމުގެ މައްސަލަ އެއްކޮށް ހައްލުކުރެވޭނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން މަޝްވަރާ ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ކައުންސިލުން ވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ވެސް ބައްދަލުކުރައްވައިފަ އެވެ.
"އަދި މީގެ ކުރިން ހެލްތު މިނިސްޓަރާ ވެސް މިކަމާ ގުޅޭ ގޮތުން ސިޓީ ބަދަލުކުރެވިފައި ވާނެ. މީގައި ދެން އެންމެ މުހިއްމު ކަމަކީ ބިމުގެ މައްސަލަ އަވަހަށް ނިންމަންޖެހޭތީ ހުރިހާ ފަރާތްތައް އެއްކޮށް މަޝްވަރާކޮށް ގޮތެއް ނިންމުން،" މޭޔަރު ވިދާޅުވި އެވެ.