Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(މެއި 13، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ވިއްސާރައިގައި ވެސް އޭނާ އަޅާފައިވާ ހެދުމުން ހޫނުކަން ލިއްބައި ދެ އެވެ. އަދި އޭނާގެ ރަބަރު ފައިވާނުން އޭނާގެ ފައިތިލަ އަށް ވެސް ހޫނުކަމެއް ލިބެމުން ދިޔަ އެވެ. ކޮރިޑޯއިން ބޭރަށް ނިކުމެފައި އޭނާ އުޑުމަތި ބަލާލިއެވެ. އަދި ފުން ނޭވާއެއްލި އެވެ.

ކޮރިޑޯއިން ބޭރަށް ނިކުމެފައި އޭނާ އުޑުމަތި ބަލާލި އެވެ. އަދި ފުން ނޭވާއެއްލި އެވެ. އަދި ހިނިތުން ވެލިއެވެ. ލަންކާ އަށް ވުރެ އޭނަ ފަރިތަ އެހެން ތަނެއް އޮވެދާނެ ހެއްޔެވެ؟ ނޯންނާނެ އެވެ. ވީއިރު އަދި ހާސްވާކަށް ނުޖެހެ އެވެ. އެއީ އުލްފަތު އެވެ. އޭނާގެ އާދަތަށް ބަދަލުކޮށްލި މީހަކީ އުލްފަތެވެ.

އޭނާގެ ހުރިހާ ކަމެއް ފަރުވާތެރިކަމާ އެކު އުލްފަތު ޚިޔާލު ބެހެއްޓި އެވެ. އެހެންވެ މިއަދު އެކަނި އުޅެން އޭނާ ބިރުގަނެފައި ވަނީ އެވެ. އެކަމަކު މިއީ އާދައިގެ ކަމެކެވެ. އިސާހިތަކު ފަރިތަ ވެދާނެ އެެެވެ. ހިލްޓަން ކައިރީގައިވާ ބޮޑެތި ބިލްޑިންގްތައް ފަހަނައަޅައި އެތަންތަނަށް ބަލަމުން އޭނާ މަޑުމަޑުން ކުރިއަށް ދިޔަ އެވެ. ބޮޑު ޝޮޕިން މޯލްއެއްގެ ކައިރިއަށް މަޑުކޮށްލުމަށް ފަހު އޭނާ ހިނިތުންވެލި އެވެ.

ސަބަބަކީ ދަބަސް ގެނެވުނު ނަމަ އޭނާ ހިތް ހަމަޖެހޭ ވަރަށް ބާޒާރުކޮށްލީސްކަން ޤައިމެވެ. އެކަމަކު މި ވަގުތު ޖެހޭނީ ކެތްކޮށްލާށެވެ. ހަމައެކަނި ބިއްލޫރިތަކުން "ވިންޑޯ ޝޮޕިން" ކޮށްލާނީ އެވެ. މިހާރު އަތުގައި މިއޮތީ މާދުރަށް ހިނގާލެވިއްޖެ ނަމަ އަދި ވަރުބަލި ވެއްޖެއް ނަމަ ގެއަށް ދާން ޓެކްސީ އަށް ދެވޭ ވަރަށް ފައިސާކޮޅެކެވެ.

ހީނާ ލަންކާގެ މަގުތަކުގައި ހިނގާ ހިތްވެ އެވެ. ކުދިން ކުޑައިރު ވެސް އެކުދިން ގޮވައިގެން އޭނާ އެތަށް މޭލަކަށް ބުރު ޖަހައި އުޅުނެވެ.
މިޔުޒިޔަމްތަކަށާއި އާސާރީ ތަންތަނަށް ކުދިން ގޮވައިގެން އޭނާ އަށް ދެވުނު އަދަދެއް ވެސް ނޭނގެ އެވެ. އެކަމަކު އެއީ އޭނާގެ ވެސް ޅަ ދުވަހެވެ. ޢާޢިލާތެރޭ އެދުވަސްތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ތާނިޔާ ހުންނަނީ ޤަނބުވެފަ އެވެ.

އޭނާ އެ ހަނދާންތައް ހުންނަނީ ވަރަށް ފަނޑުކޮށެވެ. އޭރު އޭނާ ވަރަށް ކުޑަވާނެވީއްޔާ އެވެ. ޒުއްނޫން ހުރިހާ ކަމެއް ރަނގަޅަށް ހަނދާން އެބަ ހުރިކަން އޭނާގެ ވާހަކައިން އެނގެ އެވެ. ޙާއްސަކޮށް ކާން ދިޔަ ރެސްޓޯރަންޓްތައް ވެސް ޒުއްނޫން ހަނދާން ހުރެ އެވެ.

އެއިން ކޮންމެ މީހަކަށް ލަންކާގެ މާހައުލާ މެދު އުފާވެރިކަން އިހްސާސް ވާނެ އެވެ. ކުދިންނަށް ވުރެ ޙާއްސަ ކޮށް ހީނާ އެވެ. ކުދިން ސިންގަޅަ ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަ އެވެ. ސިންގަޅަ ބަސް ދަސްވަމުންދާ ވަރަށް ކުދިންކޮޅު ދިވެހި ބަސް ހަނދާން ނެެތެމުން ދިޔަ އެވެ. އެކަމަކު މިހާރު އިންޑިޔާ އަށް ބަދަލުވިފަހުން ހިންދީ ބަހަށް ވެސް ދެ މީހުން ވެސް މާ މޮޅުހެން ހީވެ އެވެ. އެކަން އެނގެނީ ތާނިޔާ ފިލްމު ބަލަން ހީނާ އާ އެކު އިނދެފައި ދައްކާ ވާހަކައިންނެވެ.

ހީނާ ބޭންކް މަގު ހުރަސްކޮށް ކުރިއަށް މަޑުމަޑުން ހިނގަމުން ދިޔަ އެވެ. އެމްސީ އާ ހަމަވުމުން އޭނާ ފުން ނޭވާއެއްލި އެވެ. އަސްތާ އެވެ. ހާދަ ދުރަކަށް ހިނގަމުން އާދެވިއްޖެ އެވެ. ގެއަށް ދިޔުމަށްޓަކައި އޭނާ އެނބުރިލި އެވެ. އެކަމަކު ދުރުން އޭނާ އަށް ފެނުނީ އެ މީހުން އިރެއްގައި އުޅުނު ހިސާބުގަނޑެވެ.

އެ ހަނދާންތަށް އައުމުން އޭނާ މަގު ހުރަސްކޮށް ކުރިއަށް ދިޔަ އެވެ. އާއެކެވެ. އެއީ އިރެއްގައި އޭނާ އުޅުނު ގޭގެ ސަރަހައްދެވެ. އެކަމަކު މިހާރު އެތާ އެހެރީ ފޮތް ވިއްކާ ފިހާރައެކެވެ. ވިޖޭތާޔާޕާ ބުކްޝޮޕެވެ. ހީނާ ފިހާރަ ތެރައަށް ވަނެވެ. އަދިވެސް އެ ދޮރުތައް ހުރީ ހަމަ އެގޮތަށެވެ. އަދިވެސް މައްޗަށް އަރަން ހަދާގައި ހުންނަ އެ ކުޑަ ސިޑި ވެސް ހުއްޓެވެ. މަތީ ބައިގައި ވެސް ހުރީ ހަމަ އެވޯލް ޕޭޕަރެވެ. ސީލިންގް ވެސް ހަމަ އެކައްޗެކެވެ. އޭނާ އެ ގެ ދޫކޮށްލީ ކެންޑީގެ ޝޫޓިން ނިމުމާ އެކު އޭނާގެ ފިރިމީހާ އާ ޖެހުނު މައްސަލައެއްގައި ހިތްހަމަނުޖެހިގެންނެވެ. އެކަމަކު މިހާރު އެ ކަންތަށްގަނޑަށް ފަހު 15 އަހަރު ވީއެވެ.

އެކަމަކު އަދިވެސް އެތަނުގައި އެ އަމިއްލަ ވަންތަކަން ހުރި ކަމުގައި އޭނާ އަށް އިޙްސާސްވި އެވެ. ހީވީ އޭނާގެ ތުއްތު ދެ ކުދިން މަތީ ބައިގައި ތިބެފައި ދުވެފައި އައިހެންނެވެ. ހީނާ ސިހިފައި ބޯ ހޫރާލި އެވެ. އެއީ ހުވަފެނެކެވެ. އެ ކުދިން މިހާރު ބޮޑެތި ވެއްޖެ އެވެ. ތިބީ ވެސް މުޅިން އެހެން ތަނެއްގަ އެވެ.

ހީނާގެ ލޮލުން ފޭދުނު ކަރުނަ ފޮހެލާފައި އެނބުރިލި އެވެ. އޭރުގެ ހަޔާތަށް އަލްވަދާޢު ކިޔުމާއި އެ ގެ ދޫކޮށްލުމާއި ކުދިން އެހެން ތަނަކަށް ބަދަލު ކުރުން އެއީ އޭނާ އަށް ކުރެވުނު ރަނގަޅު ކަންތަކެވެ. ރާމިޒްގެ ލޯތްބާއި އަޅާލުން އެ ދުވަހު ނުލިބުނު ނަމަ ވީހީ ވަރަށް ދެރަ ގޮތެކެވެ. އެކަމަކު އޭނާ އެތަން ދޫކުރަން ޖެހުނީ ކީއްވެ ބާވަ އެވެ؟ ޖެހުނީ ކޮން މައްސަލައެއް ބާވަ އެވެ؟

އެއީ އަދިވެސް އޭނާ އަށް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ. އެއް ސުވާލުން އަނެއް ސުވާލު އުފެދެމުން ދިޔައީ އޭނާގެ ހިތުތެރޭގަ އެވެ. ހަޔާތުގައި އޭނާ އަށް ޖަވާބު ނޭނގޭ ސުވާލުތައް އޮންނަން ވެދާނެ ހެއްޔެވެ؟ ތެދެކެވެ. އޭނާ ލިޔަމުންދާ ވާހަކަ އަށް ވެސް މި ސުވާލުތަކުގެ ޖަވާބު ބޭނުންވެ އެވެ.

އެކަމަކު ވެސް އޭނާ ބޭނުން ވަނީ ޚަޤީޤަތެވެ. ކުރިން ލިބިފައިވާ ޖަވާބަށް ވުރެ ތަފްސީލުކޮށެވެ. ހީވާ ގޮތުން އޭނާ ވަނީ އަމިއްލަ އަށް ބައެއް ކަންތައްތައް މުޅިން ހަނދާން ނައްތާލާފަ އެވެ. އެކަމަކު މިހާރު އޭނާ ޖާވާބު ބޭނުންވެ އެވެ.
ހީނާ އިސް ދަށަށް ޖަހާލައިގެން މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔަ އެވެ.
އެ ވަގުތު އެތަނަށް އައި މީހެއްގެ ގައިގައި ވެސް އޭނާ ލައިގަތެވެ. ސޮރީއޭ ބުނެފައި އޭނާ ކުރިއަށް ދިޔައީ އެވެ. އެ މީހާ ވެސް ބޯ ޖަހާލަމުން ކުރިއަށް ދިޔައީ އެވެ.

ލަންކާގެ ކޮންމެ މަންޒިލަކީ އޭނާ އަށް ފަރިތަ މަންޒިލްތަކެވެ. އެމްސީގެ ކަނާތްފަރާތު މަގުން އޭނާ ހިނގަމުން ދިޔަ އެވެ. ކައިރީގައި ހުރި ބޭކަރީ އަށް އޭނާ މަޑުކޮށްލި އެވެ. އަސްތާ އެވެ. އެ ވެސް އޭނާގެ ކުދިން ކުޑައިރު ވެސް އެތާ ހުރި ބޭކަރީ އެވެ.

ކުޑަކޮށް މަރާމާތުކޮށްފައިވުން ފިޔަވައި އެއްވެސް ބަދަލެއް އައިސްފައެެއް ނެތެވެ. ކުދިން ކުޑައިރު އެ ބޭކަރީން ކުދިންގެ އިންޓޯލް އޭނާ ގަނެ އެވެ. އޭނާގެ ލޯ ފެންކަޅިވި އެވެ.
މިއިން ކޮންމެ ކަމަކީ ހިތި ހަނދާންތަކެކެވެ. އެ ވަގުތު އޭނާ އަށް އިޙްސާސްވީ ގަދަ ކަނޑެއްގެ ބިޔަ ރާޅުތަކެއްގެ މެދުގައި އޭނާ އަށް ހުރެވުނު ކަހަލަ އިޙްސާސެކެވެ. ހިތި ހަނދާނަކަ ށްވިޔަސް މީރު ކަމެއް އޭގައި އެކުލެވިގެން ވެ އެވެ.

ކުއްލިއަކަށް އޭނާ ރޫމަށް ދާން ބޭނުންވި އެވެ. ޤައިމު ވެސް މިހާރު އޭނާ ލިޔަން ފަށާފައިވާ ފޮތުގައި އޭނާ އަށް ބައިވަރު ލިޔެވި ދާނެ އެވެ.

އެ ވަރަށް އޭނާގެ ސިކުނޑި ތާޒާވެއްޖެ އެވެ. މިހާރު އޭނާގެ ފޮތުގެ ފެށުން ފުރިހަމަ ކުރެވިދާނެ އެވެ. އޭނާ ކުރިން ލިޔުނު ފެށުން ފަހަރުގައި މުޅިން ތަފާތު ވެސް ވެދާނެ އެވެ. އޭނާ އެހެން ދިޔަ ޓެކްސީއެއް މަޑު ކުރުވި އެވެ. މިހާރު އޭނާ ފައި މަގުގައި އުޅޭތާ ވެސް ތިން ގަޑިއިރު ވީ އެވެ.

އެހެން ނޫނަސް މިހާރު މާ އަނދިރި ވެސް ވެއްޖެ އެވެ. އޭނާ ދާން ވާތަން ޑްރައިވަރު ކައިރީ ބުނެލަމުން ފަހަތު ސީޓްގައި ހަމަޖެހިލި އެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.