Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ލަޓިއާ ހަ މަހަށް އަރުވާލަން ހުކުމްކޮށްފި

ދެ މީހެއްގެ ކޭޝް ކާޑުން ވަގަށް ފައިސާތަކެއް ނެގި މައްސަލައެއްގެ ކުށް ސާބިތުވެ، ފޭދޫ މީހަކު ހަ މަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ ފޭދޫ ދުންބުރުވާގޭ އިބްރާހީމް ލަތީފް (ލަޓިއާ)، 42، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމަކީ އޮގަސްޓް 6، 2012 އާއި އޮގަސްޓް 3، 2012 ގައި ދެ މީހެއްގެ ކޭޝް ކާޑުން ވަގަށް ފައިސާ ނެގި މައްސަލައިގަ އެވެ.

ލަޓިއާ ވަނީ މާލޭގެ ދެ ސަރަހައްދެެއްގައި ހުރި ދެ އޭޓީއެެމަކުން ކޭޝް ކާޑު ބޭނުންކޮށްގެން، ދެ މީހެއްގެ އެކައުންޓުން ޖުމްލަ 14،000ރ. ވަގަށް ނަގައިފަ އެވެ.

އޭނާ ފައިސާ ވަގަށް ނެގީ ދިވެއްސަކާއި ބިދޭސީއެއްގެ އެކައުންޓުން ކަމަށް ވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި ހުކުމުގެ ގަޟިއްޔާގައި ބުނެފައިވެ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް އުފުލީ އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ ކޭޝް ކާޑުން ވަގަށް ގިނަ އަދަދެއްގެ ފައިސާ ނެގި ކަމުގެ ދައުވާ އެވެ.