ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު ކައިވެނިކޮށް، ދެ ކުދިން ވެސް ލިބުނު ފަހުން ކައިވެނީގައި ޖެހުނު މައްސަަލަތަކަކާ ގުޅިގެން، އޭނާ އަށް އަދިވެސް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ގޮތެއް ނުވެ އެވެ.
ދިއްލީގެ މަޝްހޫރު ވިޔަފާވެރިއެއް ކަމަށްވާ ސަންޖޭ ކަޕޫރާ 2003 ގައި ކައިވެނިކޮށް، ކަރިޝްމާ އަށް ވަނީ ދެ ޖިންސްގެ ދެ ކުދިން ވެސް ލިބިފަ އެވެ.
އެއީ މިހާރު އުމުރުން ނުވަ އަހަރުގެ އަންހެން ދަރި ސަމައިރާ އާއި ހަތަރު އަހަރުގެ ކިއާން ރާޖް ކަޕޫރެވެ.
ސަންޖޭ އާ ޖެހުނު މައްސަލަތަކާ ގުޅިގެން، ކަރިޝްމާ ވަނީ ދިއްލީގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އަލުން މުމްބާއީ އަށް 2011 ގައި ބަދަލުވެފަ އެވެ. އަދި އޭނާ ވަނީ ސަންޖޭ ކައިރިން ވަރިވާން ވެސް އެދިފަ އެވެ.
މި މައްސަލަ މިހާ ހިސާބަށް ގޮސްފައި އޮތްވައި ކަރިޝްމާ އަށް އަނެއްކާ ވެސް އާ ހަނގުރާމައަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ސަންޖޭ ވަނީ ދަރިންގެ މައްސަލާގައި ކަރިޝްމާ އާ ދެކޮޅަށް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ޝަކުވާއަކީ ދަރިންނާ ބައްދަލު ކުރަން ކަރިޝްމާ، ސަންޖޭ އަށް ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުތަކެވެ. އެހެންވެ ސަންޖޭ ވަނީ އޭނާގެ ދެ ކުދިން، އޭނާގެ ގާތުގައި ބޭތިއްބުމުގެ އަމުރަކަށް ކޯޓްގައި އެދިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސަންޖޭ ޕެޓިޝަން ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި މައްސަލައިގެ އަޑު އަހުމެއް ވަރަށް އަވަހަށް ތާވަލް ކުރާނެ އެވެ. ހަމަ އެއާ އެކު މި މައްސަލާގައި ކަރިޝްމާ އޭނާގެ ދިފާއުގައި ވަކާލާތު ވެސް ކުރާނެ އެވެ.
އެހެންވެ ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް ބަލަން ބޭނުންވެފައި ތިބި އެއް ކަމަކީ ދަރިންގެ މައްސަލާގައި ކޯޓުން ނިންމާ ނިންމުމެވެ.
ކުރިން ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ކުޅެ، އެތަކެއް އެވޯޑެއް ވެސް ހާސިލްކޮށްފައިވާ ކަރިޝްމާ ވަނީ ސަންޖޭ އާ ކައިވެނި ކުރުމަށް ފަހު، ފިލްމް ކުޅުން ހުއްޓާލައިފަ އެވެ.
އެކަމަކު ކައިވެނީގައި މައްސަލަތަކެއް ޖެހެން ފެށުުމުން އޭނާ އަލުން މުމްބާއީ ބަދަލުވެ 2011 ގައި އަލުން ބޮޑު ސްކްރީނަށް ވެސް އައެ އެވެ.
އެއީ ވިކްރަމް ބަޓް ޑައިރެކްޓް ކުރި "ޑޭންޖަރަސް އިޝްގް" އިންނެވެ. ނަމަވެސް އެ ފިލްމު ބެލުންތެރިންނަށް ކަމުދާ ގޮތެއް ނުވި އެވެ.
އޭގެ ފަހުން ކަރިޝްމާ އާ ފިލްމަކަށް ސޮއެއް ނުކުރެ އެވެ.