ރާއްޖޭގައި ސައިކަލުގެ ވިޔަފާރިކުރާ މަޝްހޫރު ކުންފުނި ޝީޝާ އިން އައްޑު އަށް 500 ހެލްމެޓް ހަދިޔާކޮށްފި އެވެ.
މި ހެލްމެޓްތައް ފުލުހުންނާ ހަވާލުކުރީ އިއްޔެ އެެވެ.
ފުލުހުން ބުނީ މި ހެލްމެޓްތަކަކީ ފުލުހުންގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެވެއާނަސް ކެމްޕެއިން "ރައްކާ" ޕްރޮގްރާމްގެ ޕާޓްނަރެއްގެ ހައިސިއްޔަތުން ޝީޝާ އިން ހަދިޔާކުރި ހެލްމެޓްތަކެއް ކަމަށެވެ.
މި ހެލްމެޓްތައް އައްޑޫގެ ރައްޔިތުންނަށް ބެހުމަށް ވަނީ ނިންމައިފަ އެވެ.
ފުލުހުންގެ ފަރާތުން އިއްޔެ ހެލްމެޓްތަކާ ހަވާލުވެވަޑައިގެންނެވީ ޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދެވެ. ޝީޝާގެ ފަރާތުން ހެލްމެޓްތައް ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އިބްރާހީމް ހުޝާމެވެ.
ރަޝީދު ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހިންގާ "ރައްކާ ޕްރޮގްރާމް" އަށް ޝީޝާ އިން ދެމުން އަންނައެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެެވެ. ޝީޝާ އިން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަކީ އަބަދުވެސް ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
ޝީޝާ އިން ހަދިޔާކުރި ހެލްމެޓްތައް އާންމުންނާ ހަވާލުކުރަން ވަރަށް ހަރަކާތްތަކެއް ހިންގަނަ ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން،އައްޑޫގައި ރައްކާތެރި ނޫން ހެލްމެޓް ގެންގުޅޭ މީހުންގެ ހެލްމެޓް ރައްކާތެރި ހެލްމެޓަށް ބަދަލުކޮށް ދިނުމުގެ ކުރިން އެއް ގަޑިއިރުގެ އެވެއާނަސް ސެޝަނެއް ކޮންމެ މީހަކު ވެސް ފުރިހަކުރަން ޖެހޭނެ އެވެ. އައްޑޫގައި އެ ސެޝަންތައް ކުރިއަށް ގެންދާނީ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.
ފުލުހުން ބުނީ ސެޝަންތައް އޮންނާނެ ދުވަސްތަކާއި ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑްގައި 60 ކިލޯމީޓަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި ސައިކަލް ދުއްވޭނީ ފުލުހުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ހެލްމެޓް އަޅައިގެންނެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެފަދަ ހެލްމެޓްތައް އަޅާތޯ ފުލުހުން އަންނަނީ މޮނިޓަ ވެސް ކުރަމުންނެވެ. އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކުން ގާނޫނުގެ ދަށުން ފިޔަވަޅު ވެސް އަޅަ އެވެ.
އައްޑޫ ލިންކް ރޯޑަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އެންމެ އަދި ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގާފައިވާ މަގެވެ. އެފަދަ ހާދިސާތަކުގައި މިހާތަނަށް އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިގެން ގޮސްފައިވެ އެވެ.