Last Updated: April 22, 16:38
Tuesday, April 22, 2025
ޚަބަރު

އަންނަ އަހަރު ތަފާތު އައްޑުއެއް ފެންނާނެ: މޭޔަރު

ރޭގެ ބައްދަލުވުމުގައި މޭޔަރު ވާހަކަ ދައްކަވަނީ. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/ އައްޑޫ ލައިވް

އަންނަ އަހަރުގެ ތެރޭގައި ވަރަށް ތަފާތު ޗާލު އައްޑު އަށް ފެންނާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ގައި ފްލައި ދުބާއީގެ ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާތީ އެކަމާ ގުޅިގެން މައުލޫމާތު ދޭން ރޭ އައްޑޫ ހައި ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ދައްކުވައި ދޭން ބޭނުން ވަނީ ސާފު، ރީތި ސިޓީއެއްގެ ގޮތުގައި ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އައްޑޫގެ ހުރިހާ އަވަށްތަކެއް ވެސް ސާފުކޮށް، ރީތިކޮށް ބޭއްވުމަކީ ކައުންސިލުން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެހެންވެ ވަކިން ހާއްސަކޮށް އެ މަސައްކަތަށް އަންނަ އަހަރު އިތުރު ބޮޑު އިސްކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ. ނިޒާރު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ލިންކް ރޯޑް ސަރަހައްދަކީ ކޮންމެ ދުވަހަކު ވެސް ސާފުކުރާ ތަނަކަށް ހަދާނެ ކަމަށެވެ.

"އެކަމަކު މީގެ މާނަ އަކީ ކޮންމެ ދުވަހަކު މުޅި މަގުގެ އެއްކޮޅުން އަނެއްކޮޅަށް ސާފުކުރާ ވާހަކައެއް ނޫން. ބޭނުން ވަނީ ސާފު ނުކުރާ ދުވަހެއް ނުދާން. އެހެންވީމަ އަންނަ އަހަރު ވާނެ ކޮންމެ ދުވަހަކީ އެ މަގު ސާފުކުރެވޭ ދުވަހަކަށް ވާނެ." މޭޔަރު ވިދާޅުވު އެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސާފު، ރީތި ތަނެއްގައި ދެމެހެއްޓުމަށް ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ. އެހެންވެ އެންމެން ވެސް ކުނި މެނޭޖްކޮށް، ކުނި މަދުކޮށް، ޖެހުނުހާ ތަނަކަށް ކުނި އެޅުން ފަދަ އާދަތަކާ ދުރުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލުން އައްޑޫ ސާފުކުރަން މަސައްކަތްކުރާ އިރު މިހާރު ހުރި ވަސީލަތްތަކާ އެކީ މިކަން ކުރަނީ ވެސް ގޮންޖެހުންތަކަކާ އެކީގައި. އޭގެ ތެރޭގައި މުވައްޒަފުން މަދުވުމާއި ވަސީލަތްތަކާއި ބަޖެޓްގެ ތާށިކަން ވެސް ހިމެނޭ." މޭޔަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސާފުކޮށް، ރީތިކޮށް އޮތުމަކީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ، އުފަލެއް ހިތްހަމަޖެހުމެކެވެ. އެހެންވެ އައްޑު އަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ދައްކަން ބޭނުން ވަނީ ހިތްގައިމު ރީތި، ސާފު ޗާލު އައްޑު އަށް ކަމަށް ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް އަންނަ އަހަރު ތަފާތު އައްޑު އަށް ފެންނާނެ. ބޭނުން ވަނީ ވަރަށް ސާފު، ރީތި އައްޑުއެއް." މޭޔަރު ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި މީހުން ވެސް ވަނީ އައްޑޫގެ ބައެއް ދިމަދިމާތައް ގޮނޑުކަން ފާހަގަކޮށް، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދޭން އެދިފަ އެވެ. އެގޮތުން ބައެއް ހިސާބުތަކުގެ ފަޅުތެރެ ޕްލާސްޓިކް ފުޅި އާއި ކޮތަޅާ އެ ނޫން ވެސް އެކި ބާވަތުގެ ކުނިބުނިން ތައައްޔާރުވެފައި އޮންނަކަން ފާހަގަކުރި އެވެ..

ނަމަވެސް އައްޑޫގެ ބައެއް އަވަށްތަކުން ސާފުތާހިރުކަމުގެ ނަމޫނާ ވެސް ފެންނަކަން ރޭ ބައެއް މީހުން ފާހަގަކުރި އެވެ. އެގޮތުން އައްޑޫގެ މީދު ފެންނަނީ ވަރަށް ސާފު ރީތި އަވަށެއްގެ ގޮތުގައި ކަމަށް ރޭގެ ބައްދަލުވުމުގައި މީހަކު ފާހަގަކުރި އެވެ.