Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

ޖަޕާންގައި ދިވެހި އުފެއްދުންތަށް ވިއްކަނީ

ދިވެހި އުފެއްދުންތަށް ޖަޕާނުގައި ޑިސްޕްލޭއި ކޮށްފައި / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އޮތެންޓިކް މޯލްޑިވްސްއިން ދިވެހި އުފެއްދުންތަށް ޖަޕާނުގެ އެކްސްޓާނަލް ޓްރޭޑް ކޯޕަރޭޝަން، ޖެޓްރޯ އާއި ގުޅިގެން ޖަޕާންގެ މާކެޓަށް ތަޢާރަފްކޮށްފި އެވެ.

ދިވެހި ފަންނުންވެރިންގެ އުފެއްދުންތަށް މާކެޓްކޮށް ޕްރޮމޯޓް ކުރާ އޮންތެންޓިކް މޯލްޑިވްސް އިން ޖަޕާނުގެ މާކެޓަށް ދިވެހި އުފެއްދުންތަށް ތައާރަފްކޮށްފައި ޖެޓްރޯއިން ދުނިޔޭގެ އެހެން ޤައުމުތަކުގެ ވިޔަފާރިތަކުގެ އުފެއްދުންތަށް ޖަޕާނު މާކެޓުތަކަށް ތައާރަފްކުރުމަށް ޓަކައި ކުރިއަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމުގެ ދަށުން ކަމަށް އޮތެންޓިކް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.

ޖެޓްރޯގެ މި ޕްރޮގްރާމަކީ ޖަޕާނުގެ އެއާޕޯޓުތަކުގައި ހުންނަ އައުޓްލެޓްތަކުގައި ބައިވެރިވާ ޤައުމުތަކުގެ އުފެއްދުންތަށް ދައްކާލައި، އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ގަނެވޭނެ ގޮތަށް މަގުފަހިކޮށްދޭ ޕްރޮގްރާމެ ކަމަށް ބީސީސީން ފާޙަގަ ކުރެއެވެ. މިގޮތުން މިހާރުވެސް ޖަޕާނުގެ ނަރީޓާ އެއާޕޯޓާއި ކަންސައި އެއާޕޯޓުން ލިބެން ހުންނާނެ ކަމަށް ބީސީސީން މައުލޫމާތު ދެއެވެ.

އޮތެންޓިކް މޯލްޑިވްސް ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މިއާއެކު ޖެޓްރޯއިން ޖަޕާނުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޭލްސް އިވެންޓުތަކުގައިވެސް އޮތެންޓިކް މޯލްޑިވްސް ބްރޭންޑުގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޑިސްޕްލޭ ކުރެވި، ހުންނާނެ ކަމަށެވެ. މިއާއެކު ޕްރޮގްރާމުގެ ދަށުން މިމާކެޓުގައި ލިބެން ހުންނަ ދިވެހި އުފެއްދުންތަށް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީސީސީ ބުނެއެވެ.

ރާއްޖޭގެ އުފެއްދުންތަށް ޖަޕާނު މާކެޓަށް ތާއާރަފްކުރުމަށް ހާއްސަ ރަސްމީއްޔާތެއްވެސް ހޮނިހިރު ދުވަހު ބާއްވާފައިވާ ކަމަށް ބީސީސީން ހާމަކުރެއެވެ. މިރަސްމީއްޔާތުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރު އާއި އެމްބަސީގެ އިސްވެރިންނާއި އަދި ޖެޓްރޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެނެވިއެވެ. ބީސީސީން ބުނީ ޖަޕާން މާކެޓާއި ހަމައަށް އުފެއްދުންތަށް ފޯރުކޮށްދިނުމަށް ޖަޕާނުގައި ހުންނަ ދިވެހި އެންބަސީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވިޔަފަރީތައް ކުރިއެރުވުމަށް މަޤްސަދުގައި ހަދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން އޮތެންޓިކް މޯލްޑިވްސް ހުޅުވުމުގެ އެންމެ ބޮޑު އާމަޒަކަށްވީ ދިވެހި އުފެއްދުންތަށް މާކެޓްކޮށް ވިއްކޭނެ ފުރުސަތު ދިވެހި ފަންނުވެރިންނަށް ހޯދައި ދިނުމެވެ. މިއާއެކު މިހާރުވެސް އޮންތެންޓިކް މޯލްޑިވްސްއާއި އެކު ގިނަ ފަންނުވެރިން މަސައްކަތް ކުރަމުންދާއިރު ބޭރުގެ މާކެޓުތަކުގައިވެސް މި ތަކެތި ވިއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.