Last Updated: September 20, 11:17
Friday, September 20, 2024
ކުޅިވަރު

ސްޓޭޑިއަމާ ދޭތެރޭ ހިތްހަމަނުޖެހުންތަކެއް!

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ފެށުމާ އެކު، ސްޓޭޑިއަމާ ދޭތެރޭ ސަޕޯޓަރުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗްގައި ލާއޮސް އާއި ތުރުކްމެނިސްތާން މެޗް ފެށުނީ ވެސް މައްސަލަތަކަކާ އެކުގަ އެވެ. އެގޮތުން ދެ ޓީމް ދަނޑު މައްޗަށް އަރައި، ގައުމީ ސަލާން ފެށުމާ އެކު، ސްޓޭޑިއަމްގެ ސައުންޑް ސިސްޓަމުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ.

ލާއޮސް ކުޅުންތެރިން ގައުމީ ސަލާން ކިޔަން ފެށުމާ އެކު، ސްޕީކަރުތަކުން އަޑު ދިޔަ ގޮތަށް އެތައް އިރެއްވީ އިރު ވެސް އަޑު އަންނަ ގޮތެއް ނުވި އެވެ.

އެހެންވެ އެންމެ ފަހުން ލާއޯސް ކުޅުންތެރިން އަޑުން އަޑު ނަގައި، ގައުމީ ސަލާން ކިޔާފައިވެ އެވެ.

އެ މައްސަލަ އެހެން ދިމާވުމުގެ ކުރިން ސްޓޭޑިމަށް ވަންނަން އައި އެތައް ބަޔަކަށް ޓިކެޓް ލިބޭ ގޮތް ނުވެގެން ނުވަދެވި، އެތައް އިރަކު މަޑު ކުރަން ޖެހުނެވެ. އައްޑޫގައި ކުޅޭ މެޗްތަކުގެ ޓިކެޓް އެސްޓީއޯ އިން ގަނެ، ހިލޭ ބަހަން ނިންމި ނަމަވެސް އެކަން އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ނުގެންދެވުނެވެ.
_DSC0508

އެސްޓީއޯގެ އައްޑޫ ފިހާރަތަކުން މެޗްގެ ޓިކެޓް ދޫކުރާނެ ކަމަށް ބުނި ނަމަވެސް، މެޗް ފަށަން ވަގުތު ކުޑަތަން ވަމުން ދިޔަ އިރު ވެސް ދޫކޮށްފައި ވަނީ މިރޭ މެޗްގެ ޓިކެޓެވެ. އަދި ހަވީރު މެޗްގެ ޓިކެޓް ސްޓޭޑިއަމް ގޭޓްތަކުގެ ކައިރިން ދޫކުރާނެ ކަމަށް ބުނި ނަމަވެސް، އެ ޓިކެޓް ނުލިބި އެތައް އިރަކު މީހުން މަޑު ކުރަން ޖެހުނެވެ. އަދި ވަގުތު ކުޑަތަންވީ އިރު ވެސް، ޓިކެޓް ދޫކުރާނެ ބަޔަކު ގޭޓް ކައިރިއަކު ނެތެވެ. އެހެންވެ ގިނަ ބަޔަކަށް ވާނުވާ ވެސް އެނގޭ ގޮތެއް ނުވި އެވެ. މައުލޫމާތު ދެވޭ ވަރުގެ މީހަކާ ވެސް ބައެއް ސަޕޯޓަރުންނާ ދިމާވާ ގޮތެއް ނުވެ އެވެ.

މިފަދަ ހާލެއްގައި، ސަޕޯޓަރުންނަށް އެންމެ ފަހުން ސްޓޭޑިއަމަށް ވަދެވުނީ މެޗް ފެށި ވެސް ފަހުންނެވެ. އަދި މެޗް ފަށައިގެން ގާތްގަނޑަކަށް 20 ވަރަކަށް މިނިޓް ފަހުން ވާރޭ ވެހެން ފެށުމުން ސްޓޭޑިއަމްގެ ސިޑި ބަރީގައިި ތިބި މީހުން ހިޔާވާންވެގެން، ސިޑިބަރުން ހިޔާކޮށްފައިވާ ކުޑަތަންކޮޅާ ދިމާއަށް މިސްރާބު ޖަހަން ޖެހުނެވެ.
_DSC0470

މިހެންވުމުގެ ސަބަބުން މީޑިއާ މީހުން ތިބި ސަރަހައްދަށް ގިނަ މީހުން ޖަމާވުމުން، މީޑިއާތަކުގެ މީހުންނަށް ދަތިތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެގޮތުން ސަޕޯޓަރުންތައް އެކި ތަންތަނަށް ޖަމާވުމުން، މީޑިއާތަކުގެ މީހުންނަށް ދަނޑުމަތި ރީއްޗަށް ނުފެނިގެން ޝަކުވާ ވެސް ކުރަން ޖެހުނެވެ.

ހަމަ މިއާ އެކު ސްޓޭޑިއަމްގެ ހިޔާކޮށްފައިވާ ސަރަހައްދުގެ ހުރިހާ ދިމާއަކުން ވެސް އެތެރެ އަަށް ވާރޭ ބުރަމުން ދިއުމުގެ ސަބަބުން މީޑިއާތަކުގެ މީހުން ބޭނުން ކުރަމުން ދިޔަ އިލެކްޓްރިކް ސާމާނަށް ހަނދާނެ ނަހާދާނެ ގޮތެއް ނޭނގިގެން އުޅެން ޖެހުނެވެ.

މީޑިއާ މީހުން ތިބޭ ތާގައި ތިބި ބޭރުގެ ދެ މީޑިއާގެ އޮފިޝަލުންނަށް އެންމެ ފަހުން ޖެހުނީ، އެ މީހުންގެ ސާމާނުތައް މަތީގައި ދަބަހާއި ރުމާ ފަދަ ތަކެތި އަޅާށެވެ.

އަނެއްކޮޅުން ހިޔާގަނޑަށް ސަޕޯޓަރުން ވާރެ އިން ހިޔާވާނެ ކަމަށް ވަން ނަމަވެސް، ވާރެ އިން ސަލާމަތްވާ ގޮތެއް ނުވި އެވެ. އެކަމާ ރުޅިގަދަވެގެން ބައެއް މީހުން ހަޅޭއް ވެސް ލަވަމުން ދިޔަ އެވެ. އަދި ބޮޑު ހަރަދުކޮށްފައި ހެދި ސްޓޭޑިއަމްގެ ފެންވަރަކީ މިއީތޯ ބައެއް މީހުން އަޑުގެ ކޮޅަށް ގޮވަމުން ދިޔަ އެވެ.

އަދި ސިޑިބަރި ހެދި އިރު، ކުޅިބަލަން އަންނަ މީހުންނާ ދޭތެރޭ އެެއްވެސް ވިސްނާނުލުމެއް ގެންގުޅެފައި ނުވާ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ އެވެ. ވެރިން ހިޔާ ކުރި ތަނުގައި ތިބޭ އިރު، ސަޕޯޓަރުން ތިބެން ޖެހެނީ ވާރޭތެރޭގައިތޯ ފަދަ ސުވާލްތަކާ އެކު، ބައެއެއް މީހުން ހަޅޭއްލަވަމުން ދިޔަ އެވެ.