އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ހުކުމް ކޮށްފިއެވެ.
އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ.
ޔާމީންގެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ވަތް ފައިސާ އަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށްބުނިނަމަވެސް ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ ފެންނާކަށް ނެތް ކަމަށެވެ. އަދި ފައިސާގެ ހަގީގަތް ހާމަވީ، ހެކިބަސް ނެގި ހިސާބުން ކަމަށާއި، އެގޮތުން ޒިޔަތު އަދި އަދީބުގެ ހެކިބަހުން އެކަމުގެ ތަފުސީލު ހާމަވެގެންދިޔަ ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ ރިޝްވަރު ދިނުމުގެ ދައުވާ ޔޫސުފް ނައީމްގެ މައްޗަށް އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަބްދުﷲ ޔާމީންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
އާރަށު މައްސަލައިގެ ތަފްސީލު:
މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.