ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ފެށުމަށް ތާވަލުކުރި ވަގުތައް ނުފެށި ލަސްވެ ދިގުލައިގެންދާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައުގައި ޔާމީންގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އަށެވެ.
އެހެންނަމަވެސް އެ އަޑުއެހުން ނުފެށި 2 ގަޑިއިރު ވެގެން ދިޔައިރު، ޝަރީއަތް ނުފެށި ލަސްވެގެންދަނީ ކްރިމިނަލް ކޯޓުން ތައްޔާރީތަކެއް ނުވެވިގެން ކަމަށް މައުލޫމާތުލިބެއެވެ.
މިކަމާ ގުޅިގެން އިދިކޮޅުގެ އިސްބޭފުޅުން ކްރިމިނަލް ކޯޓު ސަރަހައްދުގައި ތިއްބެވި އެސަރަހައްދުގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީން ކޯޓަށް ވަޑައިނުގެން ގޭގައި ހުންނެވި ކަމަށާއި، ސަބަބަކީ ކޯޓުން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަނުޖެއްސި ހުރެގެން ކަމަށެވެ.
އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި އަޑުއެހުން ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށެވެ. އަދި ޝަރީއަތް ވަގުތަށް ނުފެށި ލަސްވެގެން ދާ ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޝަރިއަތަށް އިންޑިއާއިން ނުފުޒު ފޮރުވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައެވެ. އެ ސަރަހައްދުގައި ޕީޕީއެމް ޕީއެންސީގެ އިސް ފަރާތްތަކުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ.